ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އައިޝަތު ބިސާމު މަޤާމުން ވަކި ކުރުމަށްޓަކައި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް މައްސަލަ ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، ޕީޖީއަށް އިތުބާރު ނުކުރެވޭތީ، ޕީޖީ ވަކިކުރަނ ފެންނަކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް އޭނާ ހުށައަޅުއްވާފައިވާ ކަމަށެވެ.

އަދި މިނިވަން މުއައްސަސާތަކުން މީހުން ވަކިކުރަން އޮންނަނީ ޕާލަމެންޓްރީ ގުރޫޕަށް ހުށައަޅައި ލީޑަރުންނާއި އަދި ޕާލަމެންޓްރީ ގުރޫޕުގައި މަޝްވަރާ ކުރުމަށް ފަހު، ގޮތެއް ނިންމައިގެން ކަމުގައިވެސް މޫސާ ސިރާޖު ވަނީ ވިދާޅުވެފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިސާމުގެ އިތުބާރުނެތްކަމުގެ މައްސަލަ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް ދެ ފަހަރެއްގެ މަތިން ހުށައެޅިއެވެ. ދެފަހަރުވެސް އެމައްސަލަ ހުށައެޅުއްވި، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ވަނީ، އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރައި ނަންގަވާފައެވެ.

ޕީޖީ ބިސާމްއަކީ ރައީސް ޔާމީނުގެ ސަރުކާރުގެ ދުވަސްވަރުގައި ސިޔާސީ ލީޑަރުންނަށް އަމާޒުކޮށްގެން އިންސާފުން ބޭރުން ދައުވާތައްކޮށްފައިވާ ބޭފުޅެއް ކަމަށް ބުނެ، އޭނާ މަޤާމުން ވަކި ކުރާނެ ކަމުގައި މަޖިލީހުގެ މެމްބަރުންނާއި ކޯލިޝަނުގައި ހިމެނޭ ލީޑަރުންވެސް ކުރިން ވިދާޅުވަމުން ގެންދެވިއެވެ.

ޕީޖީ އައިޝަތު ބިސާމު މަޤާމުން ވަކިކުރަން މަޖިލީހަށް ހުށައެޅުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އަދި ގޮތެއް ނިންމާފައި ނުވާކަމުގައި، ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ވިދާޅުވެފައެވެ.

ޕީޖީ މަޤާމުން ވަކި ކުރުމަށް މަޖިލީހަށް ހުށައެޅުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކޮށްފި ނަމަ، މަޖިލީހުގެ ތަޅުމުންވެސް އެމައްސަަލަ ފާސްވާނެ ކަމަށް ބެލެވެއެވެ. ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ 64 މެމްބަރުން ތިއްބަވައެވެ.