ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލި މައްސަލަ އިސްތިއުނާފު ކުރުމާއި ގުޅޭގޮތުން ހައިކޯޓަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފޮނުވި ސިޓީގެ ޖަވާބު ފޮނުވާފައިވާ ކަމަށާއި އެކަމަށް އަހަރެއް ވެގެންދިޔައިރުވެސް އެމައްސަލަ އިސްތިއުނާފު ކުރުމަށްވެސް އަދި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދިވެސް ޕީޖީން އެދިފައިނުވާ ކަމަށް ހައިކޯޓުން ބުނެފިއެވެ.

ހައިކޯޓުން މިހެން ބުނެފައިވަނީ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށް ބުނެ، ޕީޖީ އޮފީހުން ކޮށްފައިވާ ޓްވީޓާ ގުޅޭ ގޮތުން، ކަމުގެ ހަގީގަތް އޮޅުންފިލުވައިދިނުމުގެ ގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ޕީޖީ އޮފީހުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް ގަސްދުކުރާ ކަމަށް ބުނެ 2018 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 2 ވަނަ ދުވަހު ހައިކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމުގައެވެ. މި ސިޓީގައި އެމައްސަލަ އިސްތިއުނާފު ކުރުމަށް ގަސްދުކުރާތީ، އެ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހުއްދަ ދިނުމަށް އެދޭ ކަމަށް ލިޔެފައިވާ ކަމަށް ހައިކޯޓުގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީޖީ އޮފީހުން ފޮނުވި ސިޓީގެ ޖަވާބު ހައިކޯޓުން 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 6 ވަަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ހައިކޯޓުން ބުނެއެވެ. އެގޮތުން ޖަވާބުގައި ފުރަތަމަ މަރުހަލާގެ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާ ނިންމުން އިސްތިއުނާފަށް ހުށަހަޅަން ޖެހޭ މުއްދަތު ކަމުގައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސާކިއުލަރގައި ބަޔާންކޮށްފައިވާ 10 ދުވަސް ފާއިތުވުމަށް ފަހު ހުށަހަޅާ މައްސަލައެއްނަމަ، އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ކަމުގައި ކަމަށް އެސިޓީގައި ވާނެ ކަމަށް ހައިކޯޓުން ބުނެއެވެ. އަދި އެ މާއްދާގެ ދަށުން މައްސަލަ ހުށަހެޅުމުން ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އެ މައްސަލައަކާއި މެދު ގޮތެއް ނިންމޭނެ ކަމުގައި ޕީޖީއަށް ދަންނަވާފައިވާނެ ކަމަށް ހައިކޯޓުން ބުނެއެވެ.

ހައިކޯޓުގެ ބަޔާނުގައި ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން މި މުއާމަލާތް ފިޔަވައި އިތުރު މުއާމަލާތެއް ޕީޖީ އޮފީހާ ދެމެދު ކޮށްފައި ނުވާ ކަމުގައެވެ.

"އަދި 2018 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 6 ވަނަ ދުވަހު ހައި ކޯޓުން ޕީޖީ އޮފީހަށް ޖަވާބު ދީފައިވީ ނަމަވެސް، އޭގެ ފަހުން އެއް އަހަރު ދުވަސް ވެފައިވާ އިރުވެސް އެ މައްސަލަ އިސްތިއުނާފުކުރައްވާކަށް އަދި އިސްތިއުނާފު ކުރެއްވުމުގެ ހުއްދައަށް އެދިވެސް މި ކޯޓަށް ހުށަހަޅުއްވާފައެއް ނުވެއެވެ." މިމައްސަލައިގެ ހަގީގަތް ސާފުކޮށްދިނުމުގެ ގޮތުން ހައިކޯޓުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

މިދިޔަ މަހު ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިސާމް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކޮށް މެމްބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޕީޖީ ވިދާޅުވެފައިވަނީ ނޫސްވެރިޔާ ރިލްވާން ގެއްލުވާލި މައްސަލަ އިސްތިއުނާފު ކުރުމަށް އެދިފައިވާ ކަމަށެވެ. އެހެންނަމަވެސް މިކަން ސާފުކުރުމަށް ރިލްވާނުގެ އާއިލާއިން ހައިކޯޓަށް ހުށަހެޅި ސިޓީގެ ޖަވާބުގައި އެކޯޓުގެ ރަޖިސްޓްރާގެ މަސްއޫލިއްޔަތާ ހަވާލުވެހުންނެވި މަރްޔަމް އަފްޝާ ސޮއިކުރައްވައި ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ރިލްވާންގެ މައްސަލަ އިސްތިއުނާފު ކުރުމަށް ނުވަތަ އިސްތިއުނާފު ކުރުމުގެ ހުއްދައަކަށް ދައުލަތުން އެދިފައިވާ ކަމަށް އެ ކޯޓުގެ ރެކޯޑްތަކުން ފެންނަން ނެތް ކަމަށެވެ.

މިކަމާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ރޭ ކުރި ޓުވީޓެއްގައި ވަނީ ދައުލަތުން އެ މައްސަލަ އިސްތިއުނާފުކުރުމަށް ހުއްދައަށް އެދި ހުށަހެޅި ތަފްސީލުތައް އާންމުކޮށްފައެވެ. ޓުވީޓުގައި ބުނެފައިވަނީ ދައުވާކުރި ދެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ދެވަނަ ދުވަހު ކަމަށާއި ހަމަ އެ ދުވަހު މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދައަކަށް އެދިފައިވާ ކަމަށެވެ. އަދި އޭގެ ހަތަރު ދުވަސް ފަހުން ހަމަ އެމަހުގެ 6 ވަނަ ދުވަހު ހައިކޯޓުން އެ އެދުމަށް ޖަވާބުވެސް ދީފައިވާ ކަމަށެވެ. އެހެންނަމަވެސް ހައިކޯޓުން ޖަވާބުގައި ބުނެފައިވާ އެއްޗެއް ޕީޖީ ހާމަކުރައްވާފައެއް ނުވެއެވެ.

ޕީޖީ ބިސާމްގެ މިމައްސަލަ ފެންމަތިވުމުން މިކަން ބަލާނެ ކަމަށް ޖުޑިޝަރީ ކޮމެޓީގައި ހިމެނިވަޑައިގެންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ. އަދި އެ ކޮމެޓީގައި ހިމެނިވަޑައިގެންނަވާ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ ބިސާމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން ބޭނުންވާތީ އެކަން އެމްޑީޕީގެ ޕީޖީ ގުރޫޕަށް ހުށަހަޅުއްވާފައެވެ.