ހައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައުދީ އަރަބިއްޔާއަށް ޖަމާވެފައިވާ ދެމިލިއަނަށްވުރެ ގިނަ މުސްލިމުން ހައްޖުގެ އަޅުކަމަށް ފަށައިފިއެވެ.

މިއަހަރު ހައްޖަށް ގޮސްފައިވާ ހުރިހާ މުސްލިމުން މިހާރުވަނީ މިނާ ވާދީއަށް ޖަމާވެފައެވެ. ހުރިހާ ހައްޖުވެރިންވެސް މިރޭ ހޭދަކުރާނީ މިނާގައެވެ. މިނާ އޮންނަނީ މައްކާގެ އިރުމަތިން 20 ކިލޯމީޓަރު ދުރުގައެވެ.

މިނާއަށް ޖަމާވުމުގެ ކުރިން، ހައްޖުގެ އަޅުކަމަށް މައްކާއަށް ގޮސްފައިވާ އެތައްހާސް މުސްލިމުންވަނީ މައްކާގައި ހުންނަ މުސްލިމުންގެ އެންމެ މުޤައްދަސް ބިނާކަމުގައިވާ މަސްޖިދުލް ޙަރަމްގައި މިއަދު ކުރެވުނު ހުކުރު ނަމާދަށްފަހު، ކަޢުބާ ވަށައިގެން ޠަވާފް ކޮށްފައެވެ.

ހައްޖުގެ އެންމެ މުހިއްމު ފަރުޟަކީ އަރަފާތުދުވަހު އަރަފާތު ބިމުގައި ވަގުތުކޮޅެއް ހޭދަކުރުމެވެ. ހައްޖު ދުވަހު އަރަފާތު ބިމަށް ނުދެވޭ މީހާއަށް ހައްޖެއް ނުލިބޭނެއެވެ.

އަރަފާތު ބިމުގައި ހައްޖުވެރިން މާދަމާ މުޅިދުވަސް ހޭދަކުރާނީ ގުރުއާން ކިޔެވުމާއި އަޅުކަމުގައެވެ. އަދި އޭގެފަހުން ހައްޖުވެރިން ދާނީ މުޒްދަލިފާއަށެވެ. ޖަމްރާއަށް އުކަން ކޮންމެ ހައްޖުވެރިޔަކު ހިލަކޮޅުތައް ހޮވާލީ މުޒްދަލިފާގައި ތިބޭ ތިބުމުގައެވެ. މުޒްދަލިފާގައި ރޭ ކުރުމަށްފަހު ހައްޖުވެރިން އެނބުރި މިނާއަށްގޮސް ތިން ޖަމްރާއަށް ހިލައުކަން ފަށާނީ އީދު ދުވަހުއެވެ. ޖަމްރާއަށް ހިލައުކުން ތިންދުވަހަށް ދެމިގެންދާނެއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމުގެ މޫސުން މި ފެށުނީ، އިސްލާމީ އުންމަތުގައި ސިޔާސީ އަރާރުންތަކާއި، މަޒްހަބީ ދެކޮޅުވެރިކަން ހިނގަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން، ސައުދީ އަރަބިއްޔާއާއި އީރާނާ ދެމެދު ހިނގަމުންދާ އަރާރުންތަކާއި، ޔަމަނުގައި ހިނގަމުންދާ ހަނގުރާމައާއި، ސޫރިޔާ އަދި ލީބިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ހިޔަނިވެސް ހައްޖުގެ އަޅުކަމަށް އެޅިފައި ވެއެވެ.

މީގެއިތުރުން، ބައިމަދު މުސްލިމް ދަރިކޮޅުތައް ކަމަށްވާ އުއިޣުރު މުސްލިމުންނަށް ޗައިނާގެ ކިބައިން ކުރިމަތިވަމުންދާ ފުރައްސާރަ ކުރުންތަކާއި، ރޮހިންގާ މުސްލިމުންނަށް މިޔަންމާއިން ކުރިމަތިލާންޖެހިފައިވާ އަނިޔާވެރިކަމާއި، ކަޝްމީރުގެ މުސްލިމުންނަށް އިންޑިއާގެ ކިބައިން ކުރިމަތިވެފައިވާ ދެކޮޅުވެރިކަންވެސް ފާހަގަ ކޮށްލެވެއެވެ.