ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިލަންދޫ ސްޕޯޓްސް ކުލަބް އަތުން 2-0 ގެ ނަތީޖާއަކުން ހޯދި މޮޅާއެކު ލީގުގެ ގަދަ ހަތަރަކަށް ޓީސީ ސްޕޯޓްސް ކުލަބް އަރައިފިއެވެ.

މި މޮޅާއެކު ޓީސީ ވަނީ ލީގުގެ ހަތަރުވަނަ މަގާމު ލިބިފައެވެ. އެއީ 12 ޕޮއިންޓް ލިބިގެންނެވެ. ތާވަލުގެ އެއްވަނައިގައި އޮތީ 17 ޕޮއިންޓާއެކު މާޒިޔާ އެވެ. ދެވަނައިގައި 13 ޕޮއިންޓާއެކު އޮތީ ދަ ގްރާންޑޭ އެވެ.

މި މެޗުގައި ޓީސީގެ ދެ ގޯލުވެސް ފެނިގެންގޮސްފައިވަނީ ފުރަތަމަ ހާފުގެ ތެރޭގައެވެ. ޓީސީ އަށް މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ނޭޕާލްގެ ފޯވާޑް ބިމަލް މަގަރް އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އޭރިއާ ބޭރުން ލިބުނު ބޯޅަ ނިލަންދޫގެ ގޯލްކީޕަރު މުހައްމަދު ޝަފީއު ކުރިޔަށް އެރި ދަނޑިވަޅުގައެވެ.

އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައިވަނީ ފުރަތަަމަ ހާފުގެ ފަހުކޮޅުގައެވެ. މެޗުގެ 39 ވަނަ މިނެޓުގައި އިޝާން އިބްރާހިމް (ސައްޓު) މި ގޯލު ކާމިޔާބުކުރީ އިސްމާއީލް އީސަ (މެސީ) ނެގި ކޯނަރަކުން އޭރިއާ ބޭރަށް ލިބުނު ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްގެންނެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ މި މެޗުގައި ކުޅުންތެރިންގެ ހިތްވަރު ވަރަށް ރަނގަޅަށް ދެއްކި ކަމަށާއި މިއީ އުއްމީދުކުރި ނަތީޖާ ނޫންކަމަށެވެ. ނަމަވެސް މުހިއްމީ މޮޅުވުން ކަމަށާއި އެކަން ވުމުން ހިތްހަމަޖެހޭ ކަމަށެވެ.

ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ކޮންމެ މެޗެއްގައި ކުޅުވަން ޖެހެނީ އާ ފުރަތަމަ އެގާރައެއް ކަމަށާއި ޓީމު ސެޓްނުވާތީ ކުޅުންތެރިންނަށް އަދި މެޗު އިތުބާރު ނުލިބޭ ކަމަށެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ޓީމުން ގުއާމާ ދެކޮޅަށް ކުޅޭ މެޗަށް ވަގުތުދިނުމުގެ ގޮތުން އެފްއޭއެމުން ވަނީ މި މެޗާއެކު ލީގުގެ ކުޅުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން އަނެއްކާވެސް ފަށާނީ 18 ސެޕްޓެމްބަރުގައެވެ.