ނޯވިޗް ސިޓީ 4-1 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ފެށުން ލިވަޕޫލުން ރަނގަޅުކޮށްފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގު 2019/2020 ވަނަ އަހަރުގެ ސީޒަންގެ ކުޅުން މިރޭ ފެށިއިރު، ލީގުގެ ގިނަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. މިފަހަރުގެ ޕްރިމިއާ ލީގުގައި މުޅިން އަލަށް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބޭނުން ކުރަން ވަނީ ފަށާފައެވެ. އެކަމަކު ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ދެވަނަ ހާފުގެ ކުޅުން ފެށުނީ 5 މިނެޓު ފަހުންނެވެ.

މިއަހަރުގެ ޕްރިމިއާ ލީގަށް ނޯވިޗް ސިޓީ އަލުން ކޮލިފައިވިއިރު، އެޓީމުން އެންމެ ފަހުން ލީގުގައި ވާދަކޮށްފައިވަނީ 2015/2016 ވަނަ އަހަރުގެ ސީޒަނުގައެވެ. މިފަހަރުގެ ޕްރިމިއާ ލީގުން ނޯވިޗް ޖާގަ ހޯދީ ޗެންޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.

ޔޫރަޕްގެ ޗެމްޕިއަނުން ކަމަށްވާ ލިވަޕޫލްގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ގޯލަކީ މެޗުގެ 7 ވަނަ މިނެޓުގައި ނޯވިޗްގެ ކެޕްޓަން ގްރޭންޓް ހެންލީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި މެޗުގެ 19 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލީޑު ފުޅާކޮށްފައެވެ. ރޮބާޓޯ ފިރްމީނޯ ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ގޯލްޑަން ބޫޓްވެސް ހޯދާފައެވެ.

ލިވަޕޫލުން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔަ ނަމަވެސް، ނޯވިޗުންވެސް ވަނީ ލިވަޕޫލްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެކަމަކު މެޗުގެ 28 ވަނަ މިނެޓުގައި ޑިފެންޑަރު ވާޖިލް ވެން ޑައިކް ވަނީ ލިވަޕޫލްގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. އޭނާ މި ގޯލް ކާމިޔާބުކުރީ ސަލާހް ނަގައިދިން ކޯނަރަކުންނެވެ.

މިދިޔަ ސީޒަނުގެ ގޯލްޑަން ގްލޯވް ހޯދި ގޯލްކީޕަރު އެލިސަން ބެކާއަށް ފުރަތަމަ ހާފުގަައި އަނިޔާވުމުން، މި ސީޒަނުގައި މުޅިން އަލަށް ލިވަޕޫލްއާ ގުޅުނު ޒުވާން ގޯލްކީޕަރު އެޑްރިއާން ވަނީ ކުޅެން އަރުވާފައެވެ. އޭގެ 3 މިނެޓު ފަހުން ޑިވޮކް އޮރީގީ ވަނީ ލިވަޕޫލްގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. އޭނާ މި ގޯލް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑަރ-އާނޯލްޑް ނަގައިދިން ހުރަހަކުންނެވެ.

ދެވަނަ ހާފުގައި ލިވަޕޫލްގެ ފަރާތުން ތަންކޮޅެއް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، 64 ވަނަ މިނެޓުގައި ނޯވިޗުން ވަނީ ގޯލެއް ޖަހާފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޓީމޫ ޕުކީ އެވެ.

ލީގުގެ ކުޅުން މިރޭ ފެށިއިރު، މާދަމާ  ލީގުގައި 6 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާދަމާ ހަވީރު ކުޅޭ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ނުކުންނާނީ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ.