ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ މެޗުތަކަށް ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު އެކުލަވާލައި، ކްލަބުތަކަށް އަންގައިފި އެވެ.

މިފަހަރުގެ ސްކޮޑު އެކުލަވާލިއިރުވެސް، ގައުމީ ޓީމުން އަލީ އަޝްފާގު (ދަގަނޑޭ) އަށް ފުރުސަތު ދީފައެއް ނުވެއެވެ. އެފްއޭއެމުން ހޮވި މިދިޔަ އަހަރުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އާއި އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން، ދާދި ފަހުން މިހާރު ނޫހުންވެސް ހޮވި މިދިޔަ އަހަރުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދަގަނޑޭ ހޯދާފައި ވާއިރު، ގައުމީ ޓީމުން އޭނާއަށް ފުރުސަތު ނުދޭތީ ގިނަ ބައެއްގެ ފާޑުކިޔުން ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގާޓަށް ވަނީ އަމާޒުވެފައެވެ.

މިހާރު އެވޯޑްސްއަށްފަހު ދަގަނޑޭ ބުނެފައި ވަނީ، ކުރިއަށް އޮތް ތަނުގައި ވެސް ގައުމަށް ހިދުމަތް ކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އުފަލާއެކު ހިފާނެ ކަމަށެވެ. ދަގަނޑޭ އެންމެ ފަހުން ގައުމީ ޓީމާއެކު މެޗެއް ކުޅެފައި ވަނީ، އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި 2017 ވަނަ އަހަރު މާޗް މަހު ފަލަސްތީނާ ދެކޮޅަށް އެގައުމުގައި ކުޅުނު މެޗުގައެވެ. ކޮލިފައިންގެ އެންމެ ފަހު މެޗުގައި މާލޭގައި ބޫޓާން އާ ދެކޮޅަށް ކުޅެން ޓީމު ތައްޔާރުވިއިރު، ޓީމުގެ ޕްރީ މެޗު ޕްރެސްއަށް ހާޒިރު ނުވުމުން ދަގަނޑޭ ޓީމުން ވަކި ކުރަން ގައުމީ ޓީމު ކޯޗް ޕިޓާ ޝެގަޓް ނިންމި އެވެ.

2022 ގައި ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ގޮތުން އަންނަ ސެޕްޓެމްބަރު މަހު ރާއްޖެއިން ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހު ގުއާމްގައި ކުޅުމަށް ހަމަޖެހިފައިވާ މެޗާއި، އެ މަހުގެ 10 ވަނަ ދުވަހު ރާއްޖޭގައި ޗައިނާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗެވެ.

މި ދެ މެޗަށް ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލިއިރު، ދެން އެންމެ ފާހަގަކޮށްލެވެނީ މިހާރު ނޫހުން ހޮވި އެންމެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިޔާ ހަސަން ރާއިފް އަހުމަދު (ހަންނަ) ވެސް ހިމަނާފައި ނުވުމެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ގިނަ ޒުވާން ކުޅުންތެރިން ގެންދިޔައީ ވޯލްޑް ކަޕް ކޮލިފައިން އަށް ތަޖުރިބާ ހޯދައިދޭން ކަމަށް ގައުމީ ކޯޗު ސެގާޓް ވަނީ ބުނެފަ އެވެ. އައިއޯއައިޖީގެ ސްކޮޑުގައިވެސް ހަންނަ ހިމަނާފައެއް ނުވެއެވެ.