ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ދިރާގު ޔޫތު ލީގުގެ ކުޅުން މި މަހުގެ 23 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.

އެފްއޭއެމުން ޔޫތު ލީގު ތައާރަފުކުރީ މިދިޔަ އަހަރުއެވެ. ޔޫތު ފުޓުބޯޅަ ކުރިއެރުވުމުގެ ގޮތުން އެފްއޭއެމުން ފަށާފައިވާ ޓުވާޑްސް ފިއުޗާ ޕްރޮޖެކްޓްގެ ދަށުން ލީގު ފެށިއިރު، މިދިޔަ އަހަރު ބާއްވާފައިވަނީ 13 އަހަރުން ދަށުގެ ކުޅުމެވެ. އެކަމަކު މިއަހަރު 12 އަހަރުން ދަށާއި، 14 އަހަރުން ދަށުގެ ކުޅުން ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

12 އަހަރުން ދަށުގެ ކުޅުން މި މަހުގެ 23 ވަނަ ދުވަހު ފަށަން ތާވަލު ކޮށްފައިވާއިރު، 14 އަހަރުން ދަށުގެ ކުޅުން ފަށާނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. ޔޫތު ލީގުގެ ކުޅުން ކުރިއަށް ދާނީ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މިދިޔަ އަހަރުގެ ޔޫތު ލީގުގައި 9 އެކަޑަމީއަކުން ވާދަކުރިއިރު، މިފަހަރުގެ ޔޫތު ލީގުގައި 11 އެކަޑަމީއަކުން ވާދަކުރާނެ އެވެ.

އެއީ ބީޖީ ސްޕޯޓްސް އެކަޑަމީ، އީގަލްސް ފުޓްބޯލް އެކަޑަމީ، ޓީސީ ފުޓްބޯލް އެކަޑަމީ، މާޒިޔާ ފުޓްބޯލް އެކަޑަމީ، މޯލްޑިވްސް ސޮކާ މޭޓްސް، އާލީ ޓަޗް ފުޓްބޯލް އެކަޑަމީ، ހުޅުމާލެ ސްޕޯޓްސް ސްކޫލް، އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ، ހުޅުމާލެ ސްޕޯޓްސް އެކަޑަމީ، ވިކްޓަރީ ސްޕޯޓްސް ކްލަބު ފުޓްބޯލް އެކަޑަމީ އަދި ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް އެވެ.

މިދިޔަ އަހަރުގެ ޔޫތު ލީގު ކާމިޔާބުކޮށްފައިވަނީ އާލީ ޓަޗް ފުޓްބޯލް އެކަޑެމީންނެވެ. ޔޫތު ލީގު މިދިޔަ އަހަރު ތައާރަފުކުރިއިރު، މި ލީގުގައި ވާދަކުރާ ކުޅުންތެރިންނަށް އަލަށް ހަދާ ގައުމީ ފުޓްބޯޅަ އެކަޑަމީއަށް ހޮވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެފްއޭއެމުން މިދިޔަ އަހަރު ވަނީ ބުނެފައެވެ.