އީދަކީ ހީނަރުވެފައިވާ އާއިލީ ގުޅުންތައް ބަދަހިކުރުމަށް ލިބޭ އަގުހުރި ފުރުސަތެއްކަމަށް ރައީސުލްޖުމްހޫރއްިޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އީދުގެ މުނާސަބަތުގައި ދިވެހިރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ ގުޅުން ބަދަހި ކުރުމަކީ ކޮންމެ މީހެއް ކޮނޑުގައި އެޅިފައިވާ ދީނީ އަދި އާއިލީ ވާޖިބެއްކަން ހަނދާނުގައި ބަހެއްޓަން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ކޮންމެ އީދަކީވެސް އޭގައި ވަރަށް ފުރިހަމަ އިޖްތިމާއީ މާނަތަކެއް އެކުލެވިގެންވާ މުނާސަބަތެއް ކަމަށެވެ. އެގޮތުން އުފާވެރިކަން ފާޅުކޮށް ތަހުނިޔާ އާއި ހެޔޮއެދުންތައް ބަދަލުކުރާ ދުވަހެއްގެ ގޮތުގައި އީދު ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މުޅި މުޖްތަމައުގައި އުފާވެރިކަން ފަތުރާލުން ކަމުގައި ރައީސް ވިދާޅުވި ވެއެވެ.

އަޟްޙާ ޢީދު އަންނަނީ ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން ކަމަށްވާއިރު، މި ޢީދަކީ މުޖުތަމައުގައި އޮންނަންޖެހޭ ހަމަހަމަ ކަމާއި އަދުލުވެރިކަމުގެ މަތިވެރި އުސޫލު ގެނެސްދޭ އީދެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ އުސޫލުތައް ހިތްތަކުގައި އަށަގަންނާނީ އަމިއްލަ ނަފްސަށް ހެޔޮ އެދޭ ފަދައިން އެކަކު އަނެކަކުގެ މަސްލަހަތާއި ހައްގުތަކަށް އިހުތިރާމުކޮށްގެން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައިސްގެ ތަހުނިޔާގެ ހިތާބުގައި އެމަނިކުފާނު ވަނީ އީދުގެ ތަހުނިޔާގެ އިތުރަށް ހައްޖުގެ މާތް އަޅުކަމުގައި ތިއްބެވި އެންމެ ބެފުޅުންނަށް މަބުރޫރް ހައްޖަކަށް އެދިވަޑައިގެންފައެވެ.