ދިވެހި ހުރިހާ ހައްޖުވެރިން މުޒްދަލިފާއަށް ދަތުރުކުރަން ފަށާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ މިރޭ މަޣުރިބް ނަމާދަށް ފަހު ހައްޖަށް މީހުން ގެންގޮސްފައިވާ ގްރޫޕުތަކުން ވަކިވަކިން މުޒުދަލިފާއަށް ދަތުރުފަށާފައިވާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖަށް ގޮސްފައިވާ ހުރިހާ ދިވެހިންގެވެސް ހާލު ރަނގަޅު ކަމަށެވެ. އާންމުގޮތެއްގައި ހައްޖަށް ގޮސް މީހުން އުޅޭ އުޅުމުގައި ރޯގާ ފަދަ ބަލިތަކަކީ އާންމު ކަންކަން ކަމަށާއި އެހެންނަމަވެސް މިފަހަރު ހައްޖަށް ގޮސްފައިވާ ދިވެހިންގެ ތެރޭގައި އެފަދަ ކަންކަން ވަރަށް މަދު ކަމަށެވެ.

ހައްޖުވެރިން މުޒްދަލިފާއަށް ދަތުރުފަށާފައިވާއިރު މުޒްދަލިފާގައި ތިބޭ ތިބުމުގައި ޖަމްރާއަށް އުކުމަށް ހިލަ ހޮވާނެއެވެ. މުޒްދަލިފާގައި ރޭ ކުރުމަށްފަހު ހައްޖުވެރިން އެނބުރި މިނާއަށްގޮސް ތިން ޖަމްރާއަށް ހިލައުކަން ފަށާނީ އީދު ދުވަހުއެވެ. ޖަމްރާއަށް ހިލައުކުން ތިން ދުވަހަށް ދެމިގެންދާނެއެވެ.

ރާއްޖެއިން މިފަހަރު ހަތަރު ޖަމާއަތަކުން ގާތްގަނޑަކަށް 2،000 އެއްހާ މީހުން ވަނީ ހައްޖަށް ގޮސްފައެވެ. އެމީހުން ގޮސްފައި ވަނީ ހައްޖު ކޯޕަރޭޝަން، ތަޒްކިއާ، މިނާ އަދި އެކްރޯ ޕްރައިވެޓް ލިމިޓެޑުންނެވެ. މިހަތަރު ގްރޫޕުންވެސް ހައްޖަށް ދިޔަ އެންމެންނާ އަމީރުލް ހައްޖުގެ ގޮތުގައި މިއަހަރު ރާއްޖެއިން ވަޑައިގެންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ބައްދަލު ކުރައްވާފައެވެ.