އަޟްހާ އިދު ދުވަހުގެ އީދު ނަމާދު ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖައްސާފައި ވަނީ ހުޅުމާލޭގައި އަލަށް ތަރައްގީކުރި ދުވާ ޓްރެކު ސަރަހައްދުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގައި މިފަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ 4 ތަނެއްގައި ކަމަށެވެ.

އެއީ މާލޭގައި މާފަންނު ސްޓޭޑިއަމާއި އިސްލާމީ މަރުކަޒާއި ވިލިމާލެ ފުޓުބޯޅަ ދަނޑުގެ އިތުރަށް ހުޅުމާލޭގައި އަލަށް ތަރައްގީ ކޮށްފައިވާ ދުވާ ޓްރެކު ސަރަހައްދުގައި ކަމަށެވެ. މާލޭގެ ސްޓޭޑިއަމް ސަރަހައްދަށް އަންހެނުންނާއި ފިރިހެނުންނަށް ވަކިން ޖާގަ ހަމަޖައްސާފައި ވާއިރު މާލޭ ސްޓޭޑިއަމްގައި ތިން ޓާފް ދަނޑުން ދެ ދަނޑު ހަމަޖައްސާފަައިވަނީ، ފިރިހެނުންނަށް ކަމަށާއި އެންމެ ފަހުން ހެދި ޓާފްދަނޑު އަންހެނުންނަށް ހާއްސަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އަދި ނަމާދަށް ދާ މީހުންގެ ވެހިކަލްތައް ޕާކު ކުރުމަށް ކަޅުތުއްކަލާ ކޮއްޓާއި ވީ ފަޅިން ޖާގަ ހަމަޖައްސާފައިވާ ކަމަށާއި އެ ސަރަހައްދުގައި އާންމުންނަށް މަގުދެއްކުމަށް ފުލުހުން ހަރަކާތްތެރިވާނެ ކަމަށް މިނިސްޓްރީޏް ވަނި ބުނެފައެވެ.

މީގެ އިތުރަށްވެސް ރާއްޖޭގެ 15 ރަށެއްގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ނަގާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ މައުލޫމާތުދީފައެވެ.