ރާއްޖޭގެ އެކި ހިސާބުތަކުގައި އީދުގެ ފޯރިގަދަ ހަރަކާތްތައް މިހާރު ވަނީ ފަށާފައެވެ. ނަމަވެސް މިއީދަކީ ފެން އީދަކަށް ވެދާނެ ކަމުގެ އިންޒާރުތައް މެޓް އޮފީހުން ކުރިޔާލާ ވަނީ ދީފައެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އެންމެ ފޯރިއާއެކު ފާހަގަކުރާ އެއް މުނާސަބަތަކީ އަޟްހާ އީދެވެ. އެއް ރަށަށްވުރެ އަނެއް ރަށުގެ އީދު ހަރަކާތްތައް ފޯރިގަދަކޮށް ކުރިއަށްގެންދެވޭތޯ އަބަދުވެސް ރަށްތަކުގެ ރައްޔިތުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރަށަށް އަރާ މެހެމާނުންނަށް މަރުހަބާ ކިޔުމުން ފެށިގެން މަގުތަކުގައްޔާއި ސްޓޭޖްތަކުގައި ބާއްވާ އައިޓަމްތަކާ ހަމައަށް ހުރިހާ ކަމެއްވެސް އެންމެ ފުރިހަމައަަށް ގެންދެވޭތޯ އަންނަނީ ރަށުގެ ކައުންސިލުން ފެށިގެން އެންމެ އާދައިގެ ރައްޔިތު މީހާވެސް މަސައްކަަތް ކުރަމުންނެވެ.

އެހެން ނަމަަވެސް މިފަހަރުގެ އީދު ހަރަކާތްތަކަށް މޫސުން ހުރަސްއަޅާނެ ކަމަށް ބެލެވެއެވެ. އެގޮތުން މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުން މިއީދު ތެރޭގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވެއެވެ. މީގެ އިތުރަށް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. އެގޮތުން މިދިޔަ ހަފްތާ ތެރޭގައިވެސް ރާއްޖޭގެ ބައެއް ހިސާބުތަކަށް ވަނީ އުދަ އަރާފައެވެ. މިދިޔަ ހުކުރު ދުވަހުވެސް މާލޭގެ ކާނިވާ ސަރަހައްދަށް ވަނީ އުދަ އަރާފައެވެ.

އެހެންކަމުން އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ދެން އުފެދޭ ސުވާލަކީ ކަމެއް ރާވާ ކޮންމެ ފަހަރަކު މޫސުން ބެލުމަށްޓަކައި މެޓް އޮފީހަށް ގުޅަންވީތޯ؟ ނޫނީ ރޭގަނޑު 8 ގެ ޚަބަރު ކިޔުމަށްފަހު މޫސުން ކުރިއަށް ލަފާކުރާ ގޮތް ގެނެސްދެން ދެން މަޑުކުރަންވީތޯ؟

ނޫން! މިހާރު މޫސުން ބެލުމަކީ އެއަށްވުރެ މާ ފަސޭހަ ކަމެކެވެ. ޓެކްނޮލޮޖީއާއެކު އައި ކުރިއެރުންތަކާއެކު މޫސުން ކުރިއަށް ލަފާ ކުރާގޮތް މިހާރު މިވަނީ އަޅުގަނޑުމެންގެ ފޯނުތަކަށް އައިސްފައެވެ. މޫސުން ބެލުމަށްޓަކައި މިހާރު ޑައުންލޯޑް ކޮށްލަން ޖެހެނީ މޫސުން އެޕްލިކޭޝަނެވެ.

މި އެޕްލިކޭޝަނަކީ އިޓަލީ ސަރުކާރުގެ ހިލޭ އެހީގައި، މެޓް އޮފީހުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ޒަމާނީ ވަސީލަތްތަކުގެ އެހީގައި އާއްމުންނަށް މޫސުމާ ބެހޭ މައުލޫމާތުތައް ގެނެސްދިނުމަށް ހިންގުނު ޕްރޮޖެކްޓެއްގެ ދަށުން އިފުތިތާހު ކުރެވުނު އެޕްލިކޭޝަނެކެވެ.

އެޕްލިކޭޝަންގެ ތެރެއިން ދިވެހި އަދި އިނގިރޭސި މިތަނުން ބޭނުން ބަހެއް އިޚުތިޔާރު ކުރުމަށްފަހު އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށް އޮތް ފަސް ދުވަހުގެ މުސުން ލަފާ ކުރާ ގޮތް، އެންމެ ފަހުގެ ރާޑަރު އަދި ސެޓަލައިޓު ފޮޓޯތައް އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ އޮޓޮމެޓިކް ވެދާ ސްޓޭޝަންތަކުން އެވަގުތެއްގައި ދައްކުވައިވާ މޫސުމީ ޑޭޓާ ވެސް ފެންނަން ހުރެއެވެ. މީގެ އިތުރަށް އެލަރޓް ނޮޓިފިކޭޝަން ލިބޭނެގޮތް ވެސް މިއެޕްލިކޭޝަންގެ ތެރޭގައި ވަނީ ހިމެނިފައެވެ. މިއެޕްލިކޭޝަން އެންޑްރޮއިޑާއި އައި.އޯ.އެސް ބޭނުންކުރައްވާ ފަރާތްތަކަށްވެސް ލިބެން ހުންނާނެ އެވެ. އަދި މޫސުމާ ބެހޭ ބައެއް ބަސްތަކުގެ މާނަވެސް އެޕލްިކޭޝަން މެދުވެރިކޮށް އެނގެން ހުރެއެވެ.

މިއެޕްލިކޭޝަނާއެކު ހަރަކާތްތައް ރާވާ އިންތިޒާމް ކުރާ ފަރާތްތަކަށް މޫސުން ކުރިއަށް ލަފާ ކުރާ ގޮތް ބެލުމަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ.