މިލަދުންމަޑުލު ދެކުނު ބުރި ނުވަތަ ނޫނު އަތޮޅަކީ ރާއްޖޭގެ އެންމެ އެވޭލާ ދުވަސްވަރުގެ ތާރީޚަށްވެސް އަލިކަން ގެނެސްދޭ އަތޮޅެކެވެ. ދިވެހިރާއްޖެ އިސްލާމްވުމުގެ ފަސްސަތޭކަ އަހަރުކުރިން މީހުން ދިރިއުޅުނުކަމުގެ އަސަރު އެ އަތޮޅުގެ ބައެއް ރަށްރަށުން ފެނިފައިވެއެވެ. ނުވަތަ މިހާރުވެސް ފެންނާން އެބަހުއްޓެވެ. މާފަރަކީ ނޫނުއަތޮޅުގެ މުހިއްމު ސަރަހައްދެއްގައިވާ ވަރަށް މުހިއްމު ބިޔަ ރަށަކަށްވާއިރު މާފަރުގެ ތާރީޚުވެސް ހަމައެހާ ދޮށީވާނެކަމަށް ގަބޫލުކުރަން ފުރުސަތު އެބައޮތެވެ.

ދިވެހިރާއްޖެ އިސްލާމްވިތާ ހާސްއަހަރުވާން ގާތްވެފައިވާއިރު ހާސްއަހަރު ނުވަތަ އެއަށްވުރެ ގިނަދުވަސްވެފައިވާކަން ޔަގީންކުރެވޭ އެއްވެސް އާސާރެއް މާފަރުން ފެންނާކަށްނެތެވެ. އާސާރުތައް ފެންނާންހުއްޓަސް އެތަންތަނުގެ ކާބަންޑޭޓިން އާއި ދެންވެސް އެޒާތުގެ ޓެސްޓުތައް ހެދިގެން ނޫނީ އެތަންތަނުގެ ދޮށީކަން ޔަގީނެއް ނުކުރެވޭނެއެވެ. މާފަރުގައިވެސް އެކަހަލަ ޓެސްޓު ބޭނުންވާ ތަންތަން އެބަހުއްޓެވެ.

އިސްލާމީ ހަޟާރަތު ރާއްޖޭގައި ގާއިމުވިފަހުން އެހަޟާރަތާއި ގުޅިފައިވާ އާސާރުތައް ހަމަ ހުރިހާ ރަށަކުންހެން ފެނެއެވެ. އޭގެތެރޭގައި މައިގަޑުގޮތެއްގައި ހިމެނެނީ މިސްކިތްތަކާއި ނަދުރު ފުއްދުމަށް ކޮށްފައި ހުންނަ ކަންކަމާއި އިސްލާމުން ވަޅުލާފައި ހުންނަ ކަށްބިންތަކެވެ. މިކަހަލަ އާސާރުތައް މާފަރުގައިވެސް އެބަހުއްޓެވެ. އޭގެތެރެއިން އެންމެ ބޮޑަށް ރަށުގެ މީހުން އެތަންތަނާއިމެދު ވާހަކަދައްކައިއުޅެނީ އެއްގަން މިސްކިތާއި އެމިސްކިތުގެ ފެންވަޅާއި މިސްކިތުގެ ވަށައިގެންވާ ގަބުރުސްތާނެވެ. މިއީ މިއަދު ރަށުގެ ވަލުތެރޭގައި ވީރާނާވާން ދޫކޮށްލެވިފައިވާ އާސާރުތަކެކެވެ.