ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ދިވެހިންގެ އަދަދު މަދުވެ، ޗުއްޓީ ހޭދަކުރަންދާ ދިވެހިންގެ ނިސްބަތް އިތުރުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ދިވެހިން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ 2018 ވަނަ އަހަރުގެ ސާވޭ ރިޕޯޓް ދައްކާގޮތުން 2015 އިން 2018 ވަނަ އަހަރާ ހަމައަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިވެހިން ދަތުރުކުރި މިންވަރު ވަނީ އަހަރުން އަހަރަށް ދަށްވެފައެވެ. އެހެންނަމަވެސް ޗުއްޓީ ހޭދަކުރަން ރާއްޖެއިން ބޭރަށްދާ ދިވެހިންގެ ނިސްބަތް ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

2015 ވަނަ އަހަރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް 58 އިންސައްތަ ދިވެހިން ދަތުރުކުރިއިރު 2016 ވަނަ އަހަރު މިއަދަދު ވަނީ 51 އިންސައްތައަށް ދަށްވެފައެވެ. އަދި 2017 ވަނަ އަހަރު 45 އިންސައްތަ ދިވެހިން ބޭސްފަރުވާއަށް ދިޔައިރު 2018 ވަނަ އަހަރު ބޭސްފަރުވާއަށް ބޭރަށް ދިޔަ މީހުންގެ ނިސްބަތް އުޅެނީ 41 އިންސައްތައިގައެވެ.

އެހެންކަމުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެހިންގެ ނިސްބަތް މިވަނީ 58 އިންސައްތައިން 41 އިންސައްތައަށް ދަށްވެފައެވެ. މިއާ ޚިލާފަށް މިމުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރަށް ޗުއްޓީ ހޭދަކުރަން ދިޔަ ދިވެހިންގެ ނިސްބަތް ވަނީ އިތުރުވެފައެވެ.

ފާއިތުވި 4 އަހަރު ރާއްޖެއިން ބޭރަށް ޗުއްޓީ ހޭދަކުރަން ދިޔަ ދިވެހިންގެ އަދަދަށް ބަލާއިރު، 2015 ވަނަ އަހަރު މިއަދަދު އުޅެނީ 27 އިންސައްތައިގައެވެ. 2016 ވަނަ އަހަރު 34 އިންސައްތައަށް އިތުރުވެފައިވާއިރު 2017 ވަނަ އަހަރު މިއަދަދު ވަނީ އެކެއް އިންސައްތައިގެ ދަށްވުމަކާއެކު 33 އިންސައްތައަށް ވެއްޓިފައެވެ. އެހެންނަމަވެސް 2018 ވަނަ އަހަރު ޗުއްޓީ ހޭދަކުރަން ރާއްޖެއިން ބޭރަށް ދިޔަ ދިވެހިންގެ އަދަދު ވަނީ 41 އިންސައްތައަށް މައްޗަށް ޖެހިލާފައެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު 14 އިންސައްތައިގެ އިތުރުވުމެކެވެ.

ޗުއްޓީ ހޭދަކުރުމަށް ގޮސް ދިވެހިން ހޭދަކުރާ މިންވަރު ވެސް މި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ވަނީ އިތުރުވެފައެވެ.

ދިވެހި ދަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު ދެ ގައުމަށް އިންޑިއާ އަދި ލަންކާ ވާއިރު މިލިސްޓަށް ދެން އިތުރުވެފައިވަނީ މެލޭޝިއާ، ސިންގަޕޫރު އަދި ތައިލެންޑެވެ.