ޗައިނާ ފަތުރުވެރިންގެ އެންމެ މަޤްބޫލު 10 މަންޒިލްގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ.

ޗައިނާގެ ފަތުރުވެރިކަމާއި ގުޅޭ މައުލޫމާތު ގެނެސްދޭ "މަފެންގވޯ" އިން އާންމުކޮށްފައިވާ ލިސްޓުގައި ވާގޮތުން ހުސްވި ޖުލައި މަހު ޗައިނާގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލް 10 މަންޒިލަކީ ދިވެހިރާއްޖޭގެ އިތުރުން ޖަޕާން، ސިންގަޕޯރ، ތައިލޭންޑް، ވިއެޓްނާމް، ތުރުކީ، ސައުތު ކޮރެއާ އަދި ފިލިޕީންސްގެ އިތުރުން އޮސްޓްރޭލިއާއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ %16.3 އަކީ ޗައިނާ ފަތުރުވެރިންކަން ފާހަގަކޮށްލެވެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި ގައުމަކީ ޗައިނާއެވެ. އެގައުމުން ރާއްޖެއަށް 140،245 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ހުސްވި އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 127،412 ފަތުރުވެރިންނާއި އަޅާ ބަލާއިރު %10.1 އިތުރު އަދަދެކެވެ.

2015 ވަނަ އަހަރުން ފެށިގެން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް ބަލާއިރު ވަނީ ދަށަށް ދާން ފަށާފައެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެގައުމުން ރާއްޖެއަށް ދުއިސައްތަ އަށްޑިހަ ތިން ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މިއީ 2017 ވަނަ އަހަރާ އަޅާބަލާއިރު 7.6 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރު ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 749،114 ފަތުރުވެރިންނެވެ. މިއީ 2018 ވަނަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 18.4 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖެއިން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް މިހާރު ގެންދަނީ ކުރަމުންނެވެ.