އީދަށް އަތޮޅު ތެރެއަށް ނުދެިވިގެން މި އަޟްހާ އީދުގައި ހިތާމަ ކުރުމުގެ އެއްވެސް ޖާގައެއް ނެތެވެ. މިފަހަރު ހުޅުމާލޭގައިވެސް އީދު ފޯރި ކުޑައެއް ނޫނެވެ. މިއަހަރު މާލެ ސަރަހައްދުން އިދު ފޯރި އެންމެ ކުލަގަދަކޮށް ފެނިގެންދަނީ ހުޅުމާލެއިންނެވެ.

ހުޅުމާލޭގައި އިދު ކުޅިވަރު ފެށިގެން ދިޔައީ ހޮނިހިރު ދުވަހުގެ ރޭ އީދު މަޅި ރޯކޮށްލުމާއި އެކުގައެވެ. ބޮޑު ބެރު ހަރަކާތްތަކާއި އެކު ފެށި މި ހަރަކާތް ސެންޓްރަލް ޕާކުން ފަށައިގެން ގޮސް ހުޅުމާލެ ބީޗު ސަރަހައްދާއި ހަމައަށް ދިޔުމަށްފަހުގައި ވަނީ އީދުމަޅި ރޯކޮށްލާފައެވެ. ހުޅުމާލޭގައި އީދާއި ގުޅިގެން ގިނަ ހަރަކާތްތައް ރާވައި ކުރިޔަށް ގެންގޮސްފައި ވަނީ މިއަދުއެވެ.

އެގޮތުން ހެނދުނު ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ފަހު އެ ސަރަހައްދުގައި ހެނދުނުެ ނާސްތާ ކުރިޔަށް ގެންދިޔުމަށް ރާވާފައިވީ ނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން އެ ކަންކަން ކުރިޔަށް ގެންދެވިފައެއް ނުވެއެވެ. އެހެންނަމަވެސް ފެން އީދާއި އެކު ކުލައާއި ފެން ކުޅުމުގެ ހަރަކާތްތައް ދިޔައީ ފޯރިއާއި އެކު ކުުރިއަށެވެ. މުޅި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުލަ ޖެހުމުގެ ހަރަކާތްތައް ފޯރިޔާއި އެކު ކުރިޔަށް ގެންގޮސްފައިވެއެވެ.

އާންމުގޮތެއްގައި އަތޮޅުތެރޭގައި ކޮންމެ އަހަރެއްގައިވެސް އީދާއި ދިމާކޮށް ނެރޭ ކޯޑީގެ ހަރާކާތް މިފަހަރު ހުޅުމާލޭގައިވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން މިއަދު ހެނދުނު 10:00 އިން މެންދުރު 12:00 އަށް ރުއްގަނޑު ސަރަހައްދުގައި ކޯޑި ތައްޔާރުކުރާ ގޮތް ބެލުމާއި ދަސްކުރަން ފުރުސަތު ވެސް ލިބޭނެ ހެން ކޯޑި ހެދުން ވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި މި ކޯޑިއާއި މާލިތައް ރަށު ތެރެއަށް ނެެރެފައިވަނީ ހަވީރުއެވެ.

ރެހެންދި ސްކޫލުން ސެންޓްރަލް ޕާކާއި ހަމައަށް ދިޔަ ކުލަ ގަދަ ޕެރޭޑަކާއި އެކު ކޯޑި ނެެރެފައިވާއިރު މި ޕެރޭޑުގައި ބޮޑުމަހާއި ކޯޑި އާއި ސަގާފީ ނެށުމާއި ބޮޑުބެރު ޖެހުމާއި ފްލޯޓްތައް ވެސް ފެނިގެން ދިޔައެވެ. މީގެ އިތުރަށް މިރޭ 8:30 ގައި ގާޒީ ސްކޫލުގައި ބޮޑުމަސް ބޭނުމުގެ ހަރަކާތްވެސް ކުރިޔަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރަށްވެސް ވަޅު އީދު ހަވީރު ރުއްގަނޑު ސަރަހައްދުގައި ހާއްސަ ކުޅިވަރުތައެއް އޮތީ ރާވާފައެވެ. ކުޅިވަރު ތަކުގެ ތެރޭގައި ފައިގެތަޅާ، ގޯނި ރޭސް، ލުބޯ ރޭސް، އާއިލީ ކާޑު އަދި ތިންފައި ރޭސް ހިމަނާފައި ވެއެވެ. އަދި އަންގާރަ ދުވަހުގެ ރޭ 8:30 އިން 11:30އަށް ހުޅުމާލޭގައި އީދު ޝޯއެއް ބޭއްވުމަށްވެސް ވަނީ ހަމަޖައްސާފައެވެ.