ދަތުރުގޮސް އުޅެނިކޮށް ހާލުގައި ޖެހުނު ބަޔަކަށް ދިވެހި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ، 20 މީހުނާއެކު ދަތުރުދިއަ ލޯންޏެއް ކޮއްދިއްޕަރު ރިސޯޓް ކައިރިން ހާލުގައި ޖެހިގެން އުޅޭކަމުގެ ރިޕޯޓް ލިބުނީ މިއަދު ހަވީރު 17:12 ހާއިރު ކަމަށެވެ. އަދި ފުލުހުންގެ މެރައިން ޕޮލިސް އިން އެސަރަހައްދަށް ގޮސް ލޯންޗުގައި ތިބި މީހުންނަށް އެހޯތެރިކަން ފޯރުކޮށްދީ މާލެއަށް ގެނެވިފައިވާކަމަށެވެ. އަދި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެ ލޯންޗުގައި ޖުމްލަ 20 މީހުން ތިބި ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 10 ކުޑަކުދިންނާއި 7 އަންހެނުންގެ އިތުރަށް 3 ފިރިހެނުންނެވެ. ކުޑަކުދިންގެ ތެރޭގައި 3 އ. ދަށުގެ 4 ކުދިންވެސް ހިމެނެއެވެ.

މީގެ އިތުރަށް އދ. ދަނގެތީ ކައިރީގައި އޮންނަ ބޮޑު ފިނޮޅަށް ދަތުރުގޮސް ތިބި ބަޔަކުވެސް، ހާލުގައި ޖެހިގެން ރިޕޯޓް ކުރުމުން ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެމީހުން ހާލުގައި ޖެހުނީ، ފިނޮޅުގައި ތިއްބާ އައި ވިއްސާރައިގެ ކޮޅިގަޑުގައި ޖެހިގެން ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 6 މަހުގެ ކުޑަ ކުއްޖަކައި، 7 އަންހެނުންނާއި، 4 ފިރިހެނުންނެވެ. މި އެންމެވެސް ދަނގެތީގެ ދޯއްޏަކާއި ފުލުހުން ގުޅިގެން ސަލާމަތްތެރިކަމާއި އެކު ދަނގެއްޗަށް ގެންދެވިފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

ރާއްޖެއަށް މިދުވަސްވަރު މޫސުމީ ވިއްސާރަ ކުރަމުންދާއިރު، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ފުލުހުންނާއި އެމްއެންޑީއެފުން ދަނީ އިލްތިމާސްކުރަމުންނެވެ.