އޭޝިއަން ވޮލީބޯޅަ ކޮންފެޑެރޭޝަން (އޭވީސީ) ގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވާ ގައުމީ ވޮލީބޯޅަ ޓީމާއެކު އެކުވެރިކަމުގެ މެޗުތަކަށް ލަންކާގެ ވޮލީ ޓީމު ރާއްޖެ އަތުވެއްޖެއެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފްގެ ދައުވަތަކަށް ސްރީލަންކާގެ ގައުމީ ފިރިހެން ވޮލީ ޓީމު ރާއްޖެ އައިސްފައިވާއިރު މި ދަތުރަކީ ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ގައުމީ ޓީމަށް ވާދަވެރި މެޗުތަކެއް ކުޅުމަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން މަހުލޫފް ހޯއްދަވައިދެއްވި ފުރުސަތެކެވެ.

މި ދަތުރުގައި ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ތިން މެޗެއް ކުޅޭނެ އެވެ. އެއީ 12، 13 އަދި 14 ވަނަ ދުވަހުގެރޭ ކުޅޭ މެޗުތަކެވެ. މީގެ ތެރެއިން އެންމެ ހާއްސަ މެޗަކީ 13 ވަނަ ދުވަހުގެރޭ ކުޅޭ މެޗެވެ. މީގެތެރެއިން 13 ވަނަ ދުވަހު ކުޅޭ މެޗު ބައްލަވާލެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި މެޗުތަކަށް ސަޕޯޓަރުން އިތުރުކުރަން ވ. އަތޮޅުންނާއި ކ. އަތޮޅުގެ ރަށްތަކުން ގިނަ ސަޕޯޓަރުން ގެންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޕޮލިހާއި އެމްއެންޑީއެފް އިން ވެސް މި މެޗު ފޯރިގަދަކުރަން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ. އަދި މި މެޗުތައް ބަލާލުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ޒުވާނުންގެ މަރުކަޒަށް ވަޑައިގެންނެވުމަށް އެދޭ ކަމަށާއި، ވޮލީބޯޅައިގެ ފޯރި އަލުން ފެށުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް މިނިސްޓަރ މަހުލޫފު ވަނީ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ސެންޓްރަލް ޒޯން މުބާރާތައް ގައުމީ ވޮލީބޯޅަ ޓީމު ތައްޔާރުވަމުން އަންނައިރު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުރިން ގައުމީ ފިރިހެން ވޮލީ ޓީމުން ވަނީ ސާބިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. އެ ކޭމްޕަކީ ވަޒީރު ސާބިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ހޯއްދަވައިދެއްވި ފުރުސަތެކެވެ.