ވިލިމާލެ ކައިރިން ކެނޯއެއްގައި ނުކުތް ދެމީހުން ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާއިން ބުނީ ގެއްލިގެން ހޯދަމުން ދަނީ މިއަދު ހަވީރު 17:00 ހާއިރު، ވިލިމާލެއިން ކެނޯއެއްގައި ނުކުތް ދެފިރިހެނުން ކަމަށެވެ.

ގެއްލިގެން ހޯދަމުންދަނީ އުމުރުން 20 އަހަރާއި 33 އަހަރުގެ ދެމީހުން ކަމުގައިވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެދެމީހުން ވިލިމާލެ ގޮނޑުދޮށުން ނުކުތީ އޮރެންޖު ކުލައިގެ ކެނޯއެއްގައި ކަމަށެވެ.

އެމީހުން ހޯދުމުގެ މަސައްކަތުގައި މެރިންޕޮލިހާއި އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ހަރަކާތްތެރިވަމުން ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.