މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބުނު ރަށްތަކުގެ ހާލަތު ބަލަމުންދާކަމުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

މުޅި ރާއްޖެއަށް މި ދުވަސްވަރު ބޯކޮށް ވާރޭވެހި ވިއްސާރަކުރަމުންދާއިރު ދެކުނުގެ އަތޮޅުތަކުގެ ބައެއް ރަށްރަށަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. އެގޮތުން ގަސްތައް ވެއްޓުމާއި ފުރާޅު އެއްލާލުމާއި އަދި މި ނޫންވެސް އެކި ކަހަލަ ހާދިސާތައް ވަނީ ހިނގާފައެވެ.

އޭގެތެރެއިން މިހާތަނަށް އައްޑޫ ސިޓީގެ 24 ގެއަކާއި ފުވައްމުލަކު ސިޓީގެ 15 ގެއެއްގެ ފުރާޅަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި މީގެ އިތުރަށްވެސް ގއ އަތޮޅުގެ ރަށްތަކަށްވެސް މިފަދަ ގެއްލުންތައް ލިބި ރިޕޯޓުކޮށްފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

އެންޑީއެމްއޭއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ގެއްލުން ލިބުނު ރަށްރަށުގެ ހާލަތު އެ އޮތޯރިޓީން ބަލަމުންދާ ކަމަށާއި ފުރާޅު އެއްލާލި ގެތަކުގެ ފުރާޅު އެޅުމުގެ މަސައްކަތް ކައުންސިލްތަކާއި ފުލުހުންނާއި ސިފައިން ގުޅިގެން ކުރަމުންދާ ކަމަށެވެ.

އީދު ބަންދަކީ ގިނަ ބަޔަކު އެކި ތަންތަނަށް ދަތުުރކުރުމާއި ދަތުރު ދިޔުންވެސް އާންމު ދުވަސްވރަަކަށް ވާއިރު މި ދެދުވަހު ވިއްސާރަވެ ބޯކޮށް ވާރޭވެހުމާއި އެކު ކަނޑުެވެސް ގަދަވާނެ ކަމަށް ލަފާ ކުރެވިފައިވާތީ މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.