ވިލިމާލެ ކައިރިން ކެނޯއެއްގައި ނިކުމެގެން އުޅެނިކޮށް ގެއްލުނު ދެމީހުން ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާއިން ބުނީ ގެއްލިގެން ހޯދަމުންދިއަ ދެ މީހުން މިރޭ ފަތިހުގެ ވަގުތެއްގައި ސަލާމަތުން ހުޅުމާލެއަށް އަރާފައިވާކަމަށެވެ. އިއްޔެ ހަވީރު 17:00 ހާއިރު، ވިލިމާލެއިން ކެނޯއެއްގައި ނުކުތް ދެ ފިރިހެނުން ސަލާމަތްވީ ކެނޯ ރާޅާއި ތަޅަމުންގޮސް ހުޅުމާލޭ ސުވިމިންގ ޓްރެކާއި ދިމާއަށް ދެވުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ސަރަހައްދަށް ކެނޯ ދިއުމުން އެމީހުން ފަތާފައި ހުޅުމާލެއަށް އެރީކަމަށްވެއެވެ.

ކެނޯގައި ނިކުމެގެން އުޅެނިކޮށް ބެހިގެންދިއައީ 20 އ. 33 އ. ގެ ދެމީހުންނެވެ. ކެނޯގައި އެމީހުން ބެހިގެންދިއައީ ވިލިމާލޭ ނެރުމައްޗަށް ނިކުމެގެން އުޅެނިކޮށް ގަދަވަޔާއި އެކު އައި ކޮޅިގަނޑެއްގައި ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކެނޯގައި އެމީހުން ނިކުތްފަހުން ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތުގައި މެރިންޕޮލިހާއި އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ހަރަކާތްތެރިވެފައެވެ. އެގޮތުން އެމީހުން ހޯދުމަށް އެދިމާ ކަނޑުގެ ސަތަހަ، ނައިޓްވިޝަން ކެމެރާ ބޭނުންކޮށްގެން ބެލިކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ކަނޑަށް ނިކުންނައިރު ސަމާލުވުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.