އަތޮޅުތެރޭގެ ރަށެއްގައި ހުރިއެންމެ ބޮޑު މިސްކިތްކަމުގައިވާ ކޮޅުމަޑުލު ވިލުފުށީ މަސްޖިދުލް އުމަރު ފާރޫޤު މަރާމާތުކޮށް ބެލެހެއްޓުމަށް އެކަށީގެންވާ ބަޖެޓެއް ލިބިފައި ނުވާތީ، މިސްކިތުގެ ބައެއް މަރާމާތުތައް ނުކުރެވި ދިގުލައިގެން ގޮސްފައިވާ ކަމުގައި ވިލުފުށީ ކައުންސިލުން ބުނެފިއެވެ.

ވިލުފުށީ ކައުންސިލްގެ ނާއިބު ރައީސް އިބުރާހިމް ޝާފިއު ވިދާޅުވީ، ނަލަހިޔާގެ ފަރާތުން އަޅައިދީފައިވާ މިމިސްކިތް ސަރުކާރާއި ހަވާލު ކުރިފަހުން ފެށިގެން މިއަދާއި ހަމައަށް މިސްކިތުގެ އެއްވެސް މަރާމާތެއް ކުރެވިފައި ނުވާކަމަށެވެ.

2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް ފަހު، ވިލުފުށި އަލުން ޕްލޭންކޮށް އާބާދު ކުރި އިރު އެރަށުގައި މިސްކިތް ބިނާކުރީ ނަލަހިޔާގެ ފަރާތުންނެވެ.

ނަލަ ހިޔާގެ ފަރާތުން ބިނާކޮށްދިން މި މިސްކިތް މަސްޖިދުލްއުމަރު ފާރޫޤަކީ މާލޭގައި ހުރި އިސްލާމީ މަރުކަޒު ފިޔަވައި ރާއްޖޭގެ ރަށެއްގައި ހުރި އެންމެ ބޮޑު މިސްކިތެވެ

މިސްކިތުގެ ދެފްލޯ އާއި ހޯލުތެރޭގައި އެއްފަހަރާ 5000 މީހުންނަށް ނަމާދުކުރެވޭ ވަރުގެ މިބޮޑު މިސްކިތް މަރާމާތު ކުރުމަށާއި ބެލެހެއްޓުމަށް ސަރުކާރާއި މިސްކިތް ހަވާލުކުރި ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް އެކަށީގެންވާ ބަޖެޓެއް ނުލިބޭ ކަމުގައި ވިލުފުށީ ކައުންސިލްގެ ރައީސް އިބުރާހިމް ޝާފިޢު ވިދާޅުވިއެވެ.