ދިވެހި އުފެއްދުންތަކަށް ޚާއްސަކޮށްގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުޅުވުމަށް ހަމަޖެހިފައިވާ ސުވެނިއާ ޑިއުޓީ ފްރީ ފިހާރައިގައި ދިވެހި އުފެއްދުންތައް ވިއްކަން ކުދި ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބުނީ މިއީ ދިވެހި އަތްތެރި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަގްސަދުގައި ކުރާ ކަމެއް ކަމަށެވެ. މިއީ ދިވެހި އުފެއްދުންތެރިކަމާއި ދިވެހީންގެ ހުނަރުވެރިކަން ބޭރުދުނިޔެއަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަން ފާހަގަކޮށް އެކޯޕަރޭޝަނުން ބުނީ މިކަމުގެ ސަބަބުން ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމްވެގެންދާނެ ކަމަށެވެ.

މިތަނުގައި ތަފާތު ހަތް ދާއިރާއެއްގެ ދިވެހި އުފެއްދުންތައް ވިއްކަން ބެހެއްޓުމުގެ ފުރުސަތު ލިބޭއިރު މި ތަކެތި ހުންނަން ޖެހޭނީ ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކަނޑައަޅާ ފެންވަރެއްގައެވެ.

މި ފިހާރައިގައި ބެހެއްޓޭނެ ތަކެތީގެ ތެރޭގައި ދިވެހި ހެދުން، ދިވެހި ކެއުން، ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންކުރާ ސާމާނު، ކުރެހުން އަދި ގަހަނާ ހިމެނެއެވެ.

ބީސީސީން ބުނީ ޑިއުޓީ ފްރީ ފިހާރައިގައި ދިވެހި އުފެއްދުންތައް ވިއްކަން ޝައުގުވެރިވާ ފަރާތްތަކުން 3 ސެޕްޓެމްބަރުގެ 15:00 ގެ ކުރިން މިކަމަށް އެދި ޕްރޮޕޯސަލާއި އެހެނިހެން ލިޔެކިއުންތައް ހުށަހަޅަން ޖެހޭ ކަމަށެވެ.