މިއަހަރުގެ އަޟްހާ އީދުގެ ފުރަތަމަ ދެ ދުވަސް ނިމިފައިވާ އިރު މިއަހަރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އެންމެ ފޯރިއާއެކު ކުރިއަށްދާ އެއް ހަރަކާތަކީ މާލި ހަރަކާތްތަކެވެ. ވޭތުވެދިޔަ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މިހަރަކާތް އެންމެ ތަފާތު ގޮތަކަށް ކުރިއަށް ގެންގޮސްފައިވަނީ ހދ. ކުޅުދުއްފުށީގަ އެވެ.

އެގޮތުން މަށިމާލި ޕެރޭޑްގެ ނަމުގައި ކުރިއަށްގެންދިޔަ މިހަރަކާތަށްވެސް ވަރަށް ގިނަ ބައެއްގެ ޝައުގު ވަނީ ހުއްޓިފަ އެވެ.

ވޭތުވެދިޔަ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ އީދު ހަރަކާތްތަކުގެ ތެރެއިންވެސް އެންމެ ފާހަގަކޮއްލެވެ ހަރަކާތަކީ ހދ. ކުޅުއްފުށީ ރައްޔިތުން ފުޅަނދުބުރުގެ ހަރަކާތެއްގެ ގޮތަަށް ކުރިއަށް ގެންދިޔަ މަށިމާލި ޕެރޭޑެވެ. ކުޅުދުއްފުށި މަށިމާލި ޕެރޭޑްގެ އެންމެ ޚާއްސަ ސިފަ އަކީ، މަށިމާލި ޕެރޭޑްގެ ތެރެއިން ރަށަށް ދިމާވެފައިވާ ހުރި މައްސަލަތައް ފާހަގަކޮށް އެމައްސަލަތައް މަށިމާލި ޕެރޭޑްގެ ތެރެއިން ހިއްސާކޮށް އެމައްސަލަތައް ގައުމުގެ އިސްވެރިންގެ ސަމާލުކަމަށް ގެނައުމެވެ.

މިކަމަށް ބައެއް އާންމުން ސިޔާސީ ފުޅަނދުބުރޭވެސް ކިޔާ އުޅެއެވެ. އެކަމަކު މަށިމާލި ޕެރޭޑްގެ ތެރެއިން ފެނިގެންދަނީ ހަމައެކަނި ގައުމަށް ދިމާވެފައިވާ ސިޔާސީ މައްސަލަތައް އެކަންޏެއް ނޫނެވެ. ގައުމުގައި އޭރު އެންމެ ބާރަށް ދެކެވެމުންދާ އިޖްތިމާއީ މައްސަލަ ތަކުގެ ވާހަކައިން ފެށިގެން އިގްތިސާދީ މައްސަލަތައްވެސް މަށިމާލި ޕެރޭޑްގެ ތެރެއިން ވަރަށް ފުރިހަމައަށް ކުޅުދުއްފުށީ ރައްޔިތުން އަންނަނީ ގެނެސްދެމުންނެވެ. މިފަހަރުގެ މަށިމާލި ޕެރޭޑްގައި މިފަދަ ކަންކަމުގެ އިތުރަށް ކުޅުދުއްފުށްޓަށް އެންމެ ބޮޑަށް ހައްލު ބޭނުންވެފައިވާ ކަންކަންވެސް ވަނީ ހިއްސާ ކޮށްފަ އެވެ.

އެގޮތުން ސޯޝަލް މީޑިޔާގައި ދައުރުވާ ފޮޓޯތަކަށް ބަލާލާއިރު ކުޅުދުއްފުށީ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތައް ވަނީ ވަރަށް ފުރިހަމައަށް ދައްކާލާފަ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައާއި އެހެން ހޮސްޕިޓަލުތަކުގައި އޭސީ ބޭނުންކޮށްގެން ފިނިކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާއިރު އެހޮސްޕިޓަލަށް އެއިންތިޒާމް ހަމަޖެހިފައި ނެތީ ކީއްވެތޯ އެމީހުން ވަނީ ސުވާލުކޮށްފަ އެވެ. އަދި ހޮސްޕިޓަލަށް ބޭނުންވަނީ މަސްފެންގަނޑުތަކާއި ކެފެޓީރިއާތައް ނޫންކަމަށާއި ބޭނުންވަނީ ފެންވަރު ރަނގަޅު ޚިދުމަތްތައްކަންވެސް ފުޅަނދުބުރުގެ ތެރެއިން ސަރުކާރަށާއި ސިއްހީ ދާއިރާގެ އިސްވެރިންނަށް ރަށުގެ ރައްޔިތުން ވަނީ ބުނެދީފަ އެވެ.