މާލެ ސަރަޙައްދުގައި ވިޔަފާރިކުރާ 200 އަށްވުރެ ގިނަ ވިޔަފާރިތަކުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީ ދައްކާފައި ނުވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާއިން ބުނީ ޖީއެސްޓީ ބަޔާން ހުށަހަޅާފައި ނުވާ އަދި ފައިސާ ދައްކާފައިނުވާ ވިޔަފާރިތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ 23 ފަރާތަކާއި، އާންމު ވިޔަފާރި ކުރާ 134 ފަރާތެއް ހިމެނޭ ކަމަށެވެ. މީރާއިން ޖީއެސްޓީ ނުދައްކާ ވިޔަފާރިތަކުގެ ނަން އާންމުކޮށްފައިވަނީ ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގައި އަމަލުކުރަމުން ގެންދާ އުސޫލުގެ ދަށުން ކަމަށް މީރާއިން ބުނެއެވެ.

މިރާއިން ބުނީ އެ އޮތޯރިޓީގެ ވެބްސައިޓުގައި ޝާޢިއުކޮށްފައިވާ ލިސްޓުގައިވާ ވިޔަފާރިތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެ ފަރާތެއްގެ ނަން ލިސްޓުން އުނިކުރާނެ ކަމަށެވެ.

މިދިޔަ ޖުލައި މަހު މީރާއަށް ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 510.7 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ޖުލައިމަހު މީރާއަށް ލިބުނު އާމްދަނީގެ 23.7 އިންސައްތައެވެ.

މީރާއަށް ޖުލައިމަހު އާމްދަނީގެ ގޮތުގައި 2.16 ބިލިއަން ރުފިޔާ ވަނީ ބަލައިގެންފައެވެ.