ދެ ރަށެއްގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މައްސައްކަތް ކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އައިސްޕްލާންޓް ހެދުމުގެ މައްސައްކަތް ކުރާނެ ބަޔަކު ހޯދަނީ ކ. ގާފަރާއި ރ. މަޑުއްވަރީގައި އައިސްޕްލާންޓް ގާއިމްކުރުމަށް ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ގާފަރާއި މަޑުއްވަރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ސޯލްޓް ވޯޓަރ އައިސްޕްލާންޓެއް ކަމަށެވެ. މި ދެެ ރަށުގައި އައިސް ޕްލާންޓް ގާއިމްކުރުމުގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާާ ފަރާތްތަކުން 500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި މި ފީ ބަލައިގަންނާނީ އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ކަމަށެވެ. އަދި އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ބިޑް ހުށަހެޅޭނެ ކަމަށްވެސް ފިނޭންސުން މައުލޫމާތު ދެއެވެ.

މިއިން ކޮންމެ މަޝްރޫއަކަށްވެސް ބިޑް ސެކިއުރިޓީގެ ގޮތުގައި ތިރީސް ހާސް ރުފިޔާ ހުށަހަޅަންޖެހޭއިރު މިކަމަށް އެދި ހުށަހަޅާ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 4 ވަނަ ދުވަހު ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މަސްވެރިންނަށް ބޭނުންވާ އައިސް ފަސޭހަކަމާއެކު ލިބެން ނެތުމަކީ މަސްވެރިން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. މިކަން ހައްލުކުރުމަށް އެސްއެމްއީ ބޭންކް މެދުވެރިކޮށް މަސް ފިނިކުރާ ނިޒާމް ގާއިމްކުރުމަށް ލޯނަށް އެދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ކަންނެލީގެ މަސްވެރިކަން ފުޅާކުރުމަށްޓަކައި އޮފްޝޯ ޕްލެޓްފޯމްތަކެއް ގާއިމުކޮށް، ތެލާއި އައިސް އަދި މަސްދޯނިފަހަރަށް ބޭނުންވާ ސާމާނު އެތަންތަނުން ލިބޭނެ މަގު ފަހިކޮށްދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.