"ކާބަންމޮނޮކްސައިޑް އަދި ފިލްޓަރޑް ސްމޯކް ބޭނުންކޮށްެގެން މަހާއި މަހުގެ ބާވަތްތައް އުފައްދައި، އެ ތަކެތި އެކްސްޕޯޓްކުރުމަށް ލައިސަންސް ދިނުމާ ބެހޭ އައު ގަވާއިދު އެކުލަވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބުނީ، މި ގަވައިދުގެ ބޭނުމަކީ، ކާބަންމޮނޮކްސައިޑާއި ފިލްޓަރޑް ސްމޯކް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް އުފައްދައި އެ ތަކެތި އެކްސްޕޯޓްކުރާ ހުރިހާ ތަންތަނާއި، އުފައްދާ ހުރިހާ މަރުހަލާއެއްގައި އެ އުފެއްދުންތައް ބަލައި ފާސްކޮށް ލައިސަންސް ދިނުމުގެ އުސޫލުތައް ކަނޑައެޅުން ކަމަށެވެ.

އެގޮތުން އެއްވެސް ފަރާތަކުން ކާބަން މޮނޮކްސައިޑާއި ފިލްޓަރޑް ސްމޯކް ބޭނުންކޮށްެގެން މަހާއި މަހުގެ ބާވަތްތައް ރާއްޖޭގައި އުފައްދާ އެކްސްޕޯޓް ކުރަންވާނީ، އެ ގަވަިއދުގެދަށުން މިނިސްޓްރީން ދޫކުރާ ލައިސަންސެއް އޮވެގެންކަމަށް ވަނީ ބުނެފައެވެ. އަދި އެ ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް، ކާބަން މޮނޮކްސައިޑް ނުވަތަ ފިލްޓަރޑް ސްމޯކް ބޭނުންކޮށްގެން ތައްޔާރުކުރާ މަހާއި މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރަންވާނީ، އެ ބާވަތްތައް އިމްޕޯޓްކުރުމުގެ ހުއްދަ އޮންނަ ޤައުމުތަކަށް ކަމަށް ވަނީ ބުނެފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، އެ ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ތަނާއި ތަނުގެ އުފެއްދުންތައް، ކުރިން އެންގުމަކާނުލައި ބަލައި ފާސްކުރުމުގެ ބާރު މިިނިސްޓްރީއަށް ނުވަތަ އެމް.އެފް.ޑީ.އޭ. އަށް ނުވަަތ ސަރުކާރުގެ ކަމާގުޅޭ އިދާރާއަކަށް ލިބިގެންވާ ކަމަށެވެ. މީގެ އިތުރަށް މ،ި ގަވައިދުގައިވާގޮތުން، ކާބަން މޮނޮކްސައިޑް ބޭނުންކޮށްގެން އުފައްދައިފައިވާ މަހާއި މަހުގެ ބާވަތްތަކުގެ ލޭބަލުގައި އެކަން އެނގޭނޭހެން ނުފޮހެވޭގޮތަށް އިނގިރޭސި ބަހުން އެ އުފެއްދުމަކީ ކާބަން މޮނޮކްސައިޑް ޓްރީޓެޑް އުފެއްދުމަށް ލިޔެފައި އިންނަންޖެހެއެވެ. އަދި އފިލްޓަރޑް ސްމޯކް ބޭނުންކޮށްގެން އުފައްދައިފައިވާ މަހާއި މަހުގެ ބާވަތްތަކުގައިވެސް އެއީ ފިލްޓަރޑް އުފެއްދުމެއްކަން އެނގޭނެހެން އިނގެރޭސިބަހުން ނޮފޮހެވޭގޮތަށް ލޭބަލްކޮށްފައި ހުންނަންވާނެކަމަށް ގަވައިދުގައި ބުނެއެވެ.

އަދި އެގަވައިދާއި ޚިލާފަށް އެކަން ކުރާ ފަރާތްތައް، 2000ރ. އަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އަދި ލައިސަންސް ހިފެހެއްޓުމާއި ލައިސަންސް ބާތިލް ކުރުމުގެ ބާރު ލިބިގެންވާކަމަށްވެސް، މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އައު ގަވައިދަށް 6 އޮގަސްޓުން ފެށިގެން އަމުލުރަން ފަށާފައިވުމުން ކުރިން އަމަލުކުރަމުން އައި "ކާބަންމޮނޮކްސައިޑް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް އުފައްދައި، އެތަކެތި އެކްސްޕޯޓްކުރުމަށް ލައިސަންސްދިނުމާބެހޭ ގަވާއިދު" އުވުނީ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ކުރީގެ ގަވާއިދުގެ ދަށުން ލައިސަންސް ދީފައިވާ ފަރާތްތަކުގެ ލައިސަންސް، އެ ލައިސެންސްގެ މުއްދަތު ހަމަވަންދެން ދެމިއޮންނާނެ ކަމަށްވެސް އައު ގަވައިދުގައި ވަނީ ބުނެފައެވެ.