ގައުމަށް ހެޔޮބަދަލު ގެނައުމުގައި ޒުވާނުންގެ ބައިވެރިވުން ބޮޑުވެއްޖެ ކަމަށް ނާއިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ފާހަގަކުރި ޒުވާނުންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފައިސަލް ވިދާޅުވީ ޒުވާނުންގެ ދުވަސް ފާހަގަކުރަމުންދާއިރު ދިވެހި ޒުވާނުންގެ ހުނަރާއި ފަންނުވެރިކަން ފާހަގަކުރައްވާ ކަމަށެވެ. ގައުމަށް ތަރައްގީއާއި ހެޔޮ ބަދަލު ގެނައުމުގައި ޒުވާނުންގެ ބައިވެރިވުން ކުރިއަށްވުރެ ބޮޑަށް ފެނިގެންދާ ކަމަށާއި އެކަމާ ވަރަށް އުފާކުރައްވާ ކަމަށް ވެސް ނާއިބުރައީސް ވިދާޅުވިއެވެ.

ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ތަހުނިޔާގެ ޚިތާބުގައި ވެސް ވަނީ ގައުމުގެ މުސްތަގުބަލަށް ޒުވާނުންގެ ބޭނުންތެރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދިވެހި ޒުވާނުން ޒިންމާދާރުވުމަކީ ގައުމު އިސްލާހުކުރުމުގެ ތަޅުދަނޑި ކަމުގައި ވިދާޅުވިއެވެ.

ރައީސްގެ ޚިތޯބުގައި ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޒަމާނީ ތައުލީމު އުނގަންނައިދީގެން، ހެޔޮލަފާ ދުޅަހެޔޮ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުން ކަމަށެވެ. އަދި ޒަމާނީ ތައުލީމާއި ތަމްރީން ލިބިގެން، އަމިއްލަ އަތުން ދިރިއުޅުން ބިނާކުރާ، ޒިންމާދާރު ޒުވާނުންތަކެއް އުފައްދައި، ސަރުކާރުގެ ހުރިހާ ސިޔާސަތުތަކެއް ހާސިލްކުރެވޭނެ ގޮތަށް ޒުވާން ޖީލު ބިނާކުރުން ކަމަށެވެ.

ޒުވާނުން ކުރިއަރުވައި ޒުވާނުންނަށް ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ މުހިންމު އެއް އަސާސެވެ. މިގޮތުން ރަނގަޅު ތައުލީމާއި ތަމްރީނު ލިބިގެން ޒިންމާދާރުކަމާއެކު އަމިއްލައަށް ހަޔާތް ބައްޓަންކުރާ ގަދަރުވެރި ބަޔަކަށް ޒުވާނުން ހެދުމާއި، އެކި ބާވަތުގެ ހުނަރާއި ފުނަރުވެރިކަން ހުރި ޒުވާނުންނަށް ކުރިއަރައިދިޔުމުގެ ހުރިހާ މަގެއް ހުޅުވައިދިނުމަށް ސަރުކާރުން ވަނީ ވައުދުވެފައެވެ.