މިލަދުންމަޑުލު ދެކުނުބުރީގެ ރަށަކަށް އަރާފައި އާސާރީ ތަންތަނުގެ ވާހަކައިން ސުވާލުކޮށްފިއްޔާ އެންމެ އަވަހަށް އިވޭނެ އެއްނަމަކީ ކަންހޯނުގެ ވާހަކައެވެ. އެ އަތޮޅު މާފަރުގައި ކަންހޯނޭ ކިޔުނު ދެ ސަރަހައްދެއް އޮވެއެވެ. ކެނދިކޮޅުދޫގައިވެސް ކަންހޯނުގެ ނަންދެވިފައިވާ ދެ ސަރަހައްދެއް އޮވެއެވެ.

ކަންހޯނަކީ ކޮބައިބާވައެވެ. އޭގެ ލަފްޒީ މާނަޔަކީ ކޮބައިބާވައެވެ. މާފަރުގެ ކަންހޯނުތަކުން ފެންނަނީ ވަކި ބައްޓަމަކަށް ފަރުމާކުރެވިފައިވާ ހިރިގަލެވެ. އިހުޒަމާނުގެ ފަންނުވެރިކަމުގެ އަސަރުތަކެވެ. މަހާނަގަލަށްވެސް ވެދާނެއެވެ. އެހެން އެއްޗަކަށްވެސް ވެދާނެއެވެ. މިއީ ކޮންދުވަސްވަރެއްގެ ކޮންކަމަކަށް ބޭނުންކުރި ކޮންއެއްޗެއްކަން ޔަގީންކުރެވޭވަރަށް އެއްވެސް ބަޔަކު މިހާތަނަށް ދިރާސާތަކެއް ނުހަދައެވެ.

ދިވެހިރާއްޖޭގައި މިބާވަތުގެ ތަންތަނާމެދު އެންމެ ފުޅާކޮށް ތަހުލީލު ކުރެއްވި މަރްހޫމް މުހައްމަދު އިބްރާހިމް ލުތުފީގެ ދުރުމިއަށްވެސް މާފަރާއި އެރަށުގެ ކަންހޯނުތައް އަރާފައިނުވެއެވެ. ލުތުފީގެ ދުރުމިން މާފަރު ކައްސާލާފައި އެއޮތީ ތަނުގެ މުހިންމުކަން ކުޑަވެގެންކަމަށް ގަބޫލެއް ނުކުރެވެއެވެ. އެކަމުގައި އޮންނާނީ އެހެން ކޮންމެވެސް ސަބަބެކެވެ. ކޮންމެއަކަސް މި އެއްޗެއްގެ އެކޮޅުމިކޮޅު ބެލުން މިހާރު އޮތީ މިޒަމާނުގެ މީހުން ކުރަންޖެހިފައި އޮތް މަސައްކަތަކަށްވެފައެވެ.