ރަށުތެރޭގެ އަމަންއަމާންކަން ބެލެހެއްޓުމުގެ ގޮތުން ނެއިބަރހުޑް ޕޮލިސް ތައާފަރުކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގެ ތެރެއިންނެވެ. މި ޚިދުމަތް ތައާރަފުކުރެވުނީ 17 ޑިސެމްބަރު 2018 ގައެވެ.

ނެއިބަރހުޑް ސަޕޯޓު އޮފިސަރުންގެ ޚިދުމަތް މާލެ ސަރަހައްދަށް ތައާރަފުކުރެވި، ހުރިހާ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، މާލެ ސަރަހައްދު އަށް ބަޔަކަށް ބަހާލިއެވެ. އެގޮތުން މާލެ ހަތަރު ބަޔަކަށް، ހުޅުމާލެ ތިން ބަޔަކަށް އަދި ވިލިމާލެއަށް ވަކިން ޚިދުމަތް ދޭން ނިންމިއެވެ.

ޚިދުމަތް ތައާރަފުކުރުމަށްފަހު ފުލުހުން ބުނެފައިވަނީ ނެއިބަރހުޑް ސަޕޯޓް އޮފިސަރުން ގޭބިސީތަކާއި، އެ އޮފިސަރަކަށް ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ޒިޔާރަތްކޮށް، ގޭބިސީތަކާއި އެސަރަހައްދުތަކުގެ އާންމު މައުލޫމާތު އޮޅުންފިލުވާނެ ކަމަށެވެ. އަދި އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތަކާއި އެސަރަހައްދުތަކުގައި ހިނގާ އެހެނިހެން ކުށްތައް ދެނެގަނެ ހައްއްލު ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ރައްޔިތުންނާ ގުޅިގެން ރައްޔިތުންނަށް އަމާން ވެށްޓެއް ގާއިމުކޮށްދިނުމަށް ތައާރަފުކުރެވުނު މި ޚިދުމަތަށް މިހާރު މިވަނީ އަށްމަސް ދުވަސް ވެފައެވެ. މި މުއްދަތުގެ ތެރޭގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވި، މިއީ ކާމިޔާބު ޚިދުމަތަކަށް ހެދިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ވީޓީވީގެ "ތަފުސީލު" ޝޯވގައި ވާހަކަފުޅު ދައްކަވަމުން ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ހާމިދާ އަބްދުލް އަލީމް ވިދާޅުވީ ނެއިބަރހުޑް ޕޮލިސް ތައާރަފުވި ދުވަހުން ފެށިގެން ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ. ފުލުހުންނަށް ކުރިން އެނގިފައި ނެތް މުހިންމު އެތައް މައުލޫމާތެއް އާންމުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ. މި ޚިދުމަތް ތައާރަފުކުރެވުމާއެކު ގޭގެއަށް ޒިޔާރަތްކޮށް، ގާތް ގުޅުމެއް އުފެއްދުމަށް މަސައްކަތްކޮށް، ރައްޔިތުންނާއެކު އެ ގުޅުން ބަދަހިވެފައިވާ ކަމަށް ވިދާޅުވިއެވެ.