ނުވަވަނަ ފޯ ސީޒަންސް މޯލްޑިވްސް ސާފިން ޗެމްޕިއަންސް ޓްރޮފީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ޖޯޝް ކާ ކާމިޔާބުކޮށްފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ޖޯޝް ކާ ހޯދީ ފައިނަލްގައި 2015 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަން ހޯދާފައިވާ ޖޯއެލް ޕާކިންސަންއާ ވާދަކޮށްގެންނެވެ. މީގެ އިތުރުން އޭނާ ވަނީ މިފަހަރުގެ މުބާރާތުގެ ސިންގަލް ފިންގެ ބައިން އެއްވަނަ ހޯދައި، ޓްވިން ފިންގެ ބައިން ދެވަނަ ހޯދާފައެވެ. ޓްވިން ފިންގެ ބައިން އެއްވަނަ ހޯދީ ޖޯއެލް ޕާކިންސަން އެވެ. އަދި ޓްރަސްޓާ ފިންގެ ބައިން އެއްވަނަ ހޯދީ މުބާރަތުގައި ވާދަކުރި އެންމެ ޒުވާން ރާޅާއެޅުންތެރިޔާ ކައި ލެނީއެވެ.

ފޯސީޒަން ރިޒޯޓްސް މޯލްޑިވްސް ސާފިން ޗެމްޕިއަންސް ޓްރޮފީ އަކީ ދުނިޔޭގެ އެކި މުބާރާތްތަކުގެ ޗެމްޕިއަނުން ހިމަނައިގެން ފޯ ސީޒަންސް މޯލްޑިވްސް އިން ކޮންމެ އަހަރަކު ބާއްވާ މުބާރާތެކެވެ. ޖުމްލަ ހަ ރާޅާއެޅުންތެރިން ވާދަކުރާ މި މުބާރާތަކީ މުޅި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ އެންމެ އަގުބޮޑު ސާފިން މުބާރާތެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރި ދުނިޔޭގެ މަޝްހޫރު ރާޅާ އެޅުންތެރިންނަކީ އޮސްޓޭލިއާގެ ޖޯއެލް ޕާކިންސަން، ހަވާއީގެ ކާއީ ލެނީ، ބްރެޒިލްގެ ވިގަލީ ޑެންޓާސް، އޮސްޓްރޭލިއާގެ މެޓް ވިލްކިންސަންގެ އޮސްޓްރޭލިއާގެ ޖޯޝް ކާ އެވެ. މީގެ އިތުރުން މިމުބާރާތުގައި ރާއްޖޭގެ މަޝްހޫރު ރާޅާ އެޅުންތެރިޔާ މުހައްމަދު ފަޔާޒް (ޕެލޭ) ވެސް ވާދަކުރިއެވެ.

ތިން ޑިވިޝަން ހިމެނުނު މި މުބާރާތުގެ އެއްވަނަ ހޯދި ޖޯޝް ކާއަށް 25,000 ޑޮލަރުގެ އަގުހުރި ފައިސާގެ އިނާމެއް ވަނީ ދީފައެވެ. މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ކުޑަހުރާ ރިސޯޓް ކައިރީ އޮންނަ ރާޅާއަޅާ ޕޮއިންޓުގައެވެ.