ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ މެޗުތަކަށް ތައްޔާރުވުމަށް ގައުމީ ފުޓްބޯޅަ ޓީމު ސްރީލަންކާއަށް ފުރައިފިއެވެ.

2022 ގައި ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ގޮތުން އަންނަ ސެޕްޓެމްބަރު މަހު ރާއްޖެއިން ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ގުއާމްގައި ކުޅުމަށް ހަމަޖެހިފައިވާ މެޗާއި، އެ މަހުގެ 10 ވަނަ ދުވަހު ރާއްޖޭގައި ޗައިނާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗެވެ.

ގުއާމްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވިސާ ޖެހުމަށާއި ޓްރެއިނިން ކޭމްޕަކަށް ގައުމީ ޓީމުގެ ކުޅުންތެރިން ލަންކާއަށް ފުރިއިރު، ލަންކާއަށް ގޮސްފައިވަނީ 28 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެވެ.

މިފަހަރުގެ ސްކޮޑު އެކުލަވާލިއިރުވެސް، ގައުމީ ޓީމުން އަލީ އަޝްފާގު (ދަގަނޑޭ) އަށް ފުރުސަތު ދީފައެއް ނުވެއެވެ. އެފްއޭއެމުން ހޮވި މިދިޔަ އަހަރުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއާއި އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން، ދާދި ފަހުން މިހާރު ނޫހުންވެސް ހޮވި މިދިޔަ އަހަރުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދަގަނޑޭ ހޯދާފައިވާއިރު، ގައުމީ ޓީމުން އޭނާއަށް ފުރުސަތު ނުދޭތީ ގިނަ ބައެއްގެ ފާޑުކިޔުން ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގާޓަށް ވަނީ އަމާޒުވެފައެވެ. މީގެ އިތުރުން މުހައްމަދު އާރިފް (ބަކާ) ގެ އިތުރުން މުހައްމަދު އުމެއިރާއި މިހާރު ނޫހުން ހޮވި އެންމެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިޔާ ހަސަން ރާއިފް (ހަންނަ) އަށް ވެސް ފުރުސަތު ނުދެއެވެ.

މި ފަހަރުގެ ސްކޮޑުން އަލަށް ފުރުސަތުދިން ކުޅުންތެރިންގެ ތެރޭގައި ދަ ގްރާންޑޭގެ އަޔާޒު އަހުމަދު (އަޔާ) އާއި ފޯކައިދޫ ޓީމުގެ ހަސަން ނަޒީމް (ޗޯޓު)ގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބުގެ ޑިފެންޑަރު މުހައްމަދު އަޖުފާން ހިމެނެއެވެ.