ރާއްޖޭގައި ފަހަކަށް އައިސް ވެކްސިން ޖެހުމާ ދެކޮޅަށް ބައެއް މީހުން ވާހަކަދައްކަނީ ހޭލުންތެރިކަން ކުޑަވުމުން ކަމަށް ގަބޫލުކުރައްވާ ކަމަށް އައިޖީއެމްއެޗްގެ ސީނިއަރ ކޮންސަލްޓެންޓް ޑރ. ނިޔާޝާ އިބްރާހިމް ވިދާޅުވެއްޖެެއެވެ.

ވީނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. ނިޔާޝާ ވިދާޅުވީ، ވެކްސިން ޖަހައިގެން ކޮންމެ އަހަރަކު 3 މިލިޔަން ފުރާނަ ސަލާމަތްކުރެވުން މިއީ މިހާތަނަށް އެއްވެސް ބޭހަކުން ވެފައި ހުރި ކަމެއް ނޫން ކަމަށެވެ.

ރާއްޖޭގައި ވެކްސިންޖެހުމަށް ބޭނުންނުވާ ބައެއް މީހުން ބުނަނީ ވެކްސިނަކީ ރައްކާތެރި އެއްޗެއް ނޫން ކަމަށެވެ. މިކަމަށް ރައްދުދެއްވައި ޑރ. ނިޔާޝާ ވިދާޅުވީ އިންސާނަކު ހަދާ އެއްވެސް އެއްޗެއް އެއީ ސަތޭކަ ޕަސެންޓް ރައްކާތެރި އެއްޗެއް ނޫން ކަމަށެވެ. ހަމަ އެހެންމެ ކޮންމެ އިންސާނަކީވެސް ތަފާތު މީހެއް ކަމުން، ވެކްސިންވެސް އަދި އެހެނިހެން އެއްޗެއްސާވެސް އިންސާނުން ނުގުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އިންސާނުން ހަދާފައިވާ ކޮންމެ އެއްޗަކީވެސް އޭގެ ސައިޑް އިފެކްޓްތައް ހުންނާނެ އެއްޗެހިކަން ފާހަގަކުރައްވަމުން ނިޔާޝާ ވިދާޅުވީ ވެކްސިނަކަށްވުރެ މާގިނަ ސައިޑް އިފެކްސްޓް ޕެނަޑޯލުގައި ނުވަތަ ޕެރެސެޓްމޯލްގައި ހުންނަ ކަމަށެވެ. އެހެންކަމުން ވެކްސިން ޖަހައިގެން ދިމާވާ ކުދި ކުދި ކަންތައްތަކަށްވުރެ ވެކްސިނުން ލިބޭ ފައިދާ ބޮޑުކަން ދުނިޔޭގައި ހަދާފައިވާ ދިރާސާތަކުން ފެންނަން އެބަހުރި ކަމަށެވެ.

ރާއްޖޭގައި ވެކްސިންޖަހާތާ 40 ވަރަށް އަހަރު ވެފައިވާއިރު ގިނަ ބަލިތަކެއް ނައްތާލެވިފައިވާކަން ފާހަގަކުރައްވާ ޑރ. ނިޔާޝާ ވިދާޅުވީ ވެކްސިން ޖެހުމުގެ ރޭޓްވެސް މި ސަރަހައްދާ ބަލާއިިރު ރާއްޖެ ރަގަޅުކަން ފާހަގަކޮށްލެވޭ ކަމަށެވެ. ނަމަވެސް އެންމެ ފަހުން ހެދި ސާރވޭއިން ރާއްޖޭގެ 8 ޕަސެންޓް ކުދިން އެއްވެސް ގޮތަކަށް ވެކްސިން ނުޖަހާ ކަމަށާއި މިއީ ވަރަށް ބޮޑު ބިރުވެރިކަމެއް ކަމަށް އައިޖީއެމްއެޗްގެ ސީނިއަރ ކޮންސަލްޓެންޓް ޑރ. ނިޔާޝާ އިބްރާހިމް ވިދާޅުވިއެވެ.

"މިއީ މިހާރު ނައްތާލެވިފައިވާ ބަލިތައް އަލުން އައުމުގެ ފުރުސަތު އޮތް ކަމެއް. އެކަން އެމެރިކާފަދަ ހުޅަނގުގެ ގައުމުތަކުންވެސް އެބަފެންނަމުންދޭ، ވެކްސިން ނުޖަހާތިބި ކުދިން ގިނަވުމުގެ ސަބަބުން. ރާއްޖެއަކީ ހިމަބިލި، ޕޯލިޔޯ، ރުބެއްލާ ފަދަ ބަލިތައް ނައްތާލެވިފައިވާ ގައުމެއް. ނަމަވެސް މިފަދަ ގޮތަކަށް ދިމާވުމުން މި ބަލިތައް އައުން އެކަށީގެންވޭ''ޑރ ނިޔާޝާ ވިދާޅުވިއެވެ.

މިފަހުގެ ޑޮކްޓަރީ ފަރުވާގެ ތެރެއިންވެސް ވެކްސިނަކީ މުޅި ދުނިޔޭގައިވެސް އެންމެ ފާހަގަކުރެވޭ ކާމިޔާބު އެއް ވަސީލަތްކަން ޑޮކްޓަރުން ފާހަގަކުރެއެވެ.