ރާޅާއެޅުމަށް އެންމެ ކަމުދާ 5 މަންޒިލްގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ.

މި ލިސްޓަކީ ބޭރުގެ އޮންލައިން ނޫހެއް ކަމަށްވާ ޑިމޮޓިސް އިން ހޮވާލާފައިވާ ލިސްޓެކެވެ.

މި ލިސްޓުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަޝްހޫރު މަންޒިލްތައް ހިމެނޭއިރު، ދިވެހިރާއްޖޭގެ އިތުރުން ދެން ހިމެނެނީ އިންޑޮނޭޝިއާގެ ބާލީ، ފޯޗުގަލް، ކޯސްޓަރިކާގެ އިތުރުން މޮރޮކޯއެވެ.

ރާޅާއެޅުމަކީ ވަކި ކަހަލަ ރާޅުތަކެއް ނަގާ ހިސާބެއްގައި ނޫނީ ނުކުޅެވޭނެ ކުޅިވަރެކެވެ. ރާޅާއެޅުމަށް ކަމުދާ ރާޅުނަގާ ވަކި ސަރަހަށްދުތަކެއް ރާއްޖޭގައިވެސް ހުރެއެވެ.

މިފަދަ ގިނަ ސަރަޙައްދުތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުންނައިރު، މި ސަރަހައްދުތަކަކީ ދިވެހި ޒުވާނުންނާއި ފަތުރުވެރިންގެ މެދުގައި މަޤްބޫލްކަން ހޯދާފައިވާ ސަރަޙައްދުތަކެކެވެ.

ޑިމޮޓިސްއިން ބުނެފައިވާ ގޮތުގައި ރާއްޖެއަކީ ރާޅާއެޅުމަށް އެންމެ ހިތްގައިމު ރާޅުތައް ނަގާ އެއް މަންޒިލެވެ. އަދި ރާއްޖޭގައި ރާޅާއަޅާލަން ލިބުމަކީ ކޮންމެ ސަރފަރއެއްގެވެސް ވަރަށް ބޮޑު އުއްމީދެއް ކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ.

މީގެ އިތުރަށް ރާއްޖޭގެ ގުދުރަތީ ރީތިކަމަކީ ފޮޓޯއަކުން ބަލައިގެން އިންސާފުކުރެވޭނެ ކަމެއް ނޫންކަން ވަނީ އެ ނޫހުގައި ފާހަގަކޮށްފައެވެ. އެކަން ކުރެވޭނީ ރާއްޖެއަށް ޒިޔާރަތްކޮށްގެން ކަމަށްވެސް އެ ނޫހުގައި ވަނީ ބުނެފައެވެ.