ކާޕޭޑިއަމް ބީޗް ރިސޯޓް އެންޑް ސްޕާ އާއި، އެމެރިކާގެ ސްޓޭންޑާޑް ހޮޓަލްސްއިން ހަވާލުވެ މި އަހަރުގެ ފަހުކޮޅު އަލުން ހުޅުވަން ނިންމައިފި އެވެ.

ރ. ހުރުވަޅީގައި ތަރައްގީކޮށްފައިވާ މި ރިސޯޓުގައި ޕްރައިވެޓް ޕޫލްއާ އެކު ހަދާފައިވާ 115 ކޮޓަރި ހިމެނެއެވެ.

މި ރިސޯޓު ކުރިން ހިންގާފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ކާޕޭޑިއަމް މޯލްޑިވްސް އިންނެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ހުޅުވި ކާޕޭޑިއަމް ބީޗް ރިސޯޓް މި އަހަރުގެ ޓޫރިސްޓް ސީޒަނަށް އަލުން ހުޅުވާނީ ދަ ސްޓޭންޑާޑް ހުރުވަޅި މޯލްޑިވްސްގެ ނަމުގަ އެވެ. މިއީ ދަ ސްޓޭންޑާޑް ހޮޓެލްސްއިން އޭޝިއާގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ.

ދަ ސްޓޭންޑާޑް ހޮޓެލްސްގެ މަގްބޫލް ސިފަތައް އެކުލަވާލައިގެން ހުޅުވާ މި ރިސޯޓުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ސަގާފީ ކަންކަން ހިމެނޭ ޕްރޮގްރާމްތައް ގެސްޓުންނަށް ހުށަހަޅައިދޭނެ އެވެ.

ހަ ރެސްޓޯރަންޓު ހުންނަ މި ރިސޯޓުން ތަފާތު ވައްތަރުގެ ކާތަކެތި ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި ބާބެކިއު އަދި މި ރަށުގައި ހައްދާ ތަކެތިން ތައްޔާރުކުރާ ދިވެހި ކެއުންތައް ވެސް ހިމެނެ އެވެ.

ދަ ސްޓޭންޑާޑް ސްޕާގައި ނުވަ ޓްރީޓްމަންޓް ރޫމް ހިމެނޭއިރު، ހަށިގަނޑުގެ ދުޅަހެޔޮކަން ކުރިއެރުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލްކަން ހޯދާފައިވާ ތަފާތު އެކި ޓްރީޓްމަންޓްތައް މި މި ރިސޯޓުން ލިބެން ހުންނާނެ އެވެ.

މި ރިސޯޓަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް މި ރަށާއި ކައިރި ރަށްރަށުގެ ކަނޑުއަޑީގެ ރީތިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ. އެގޮތުން، ގައިޑެޑް ސްނޯކްލިން ފަދަ ތަފާތު ކަންކަން މި ރިސޯޓުގެ ޑައިވް ސެންޓަރުން ލިބެން ހުންނާނެ އެވެ.