އަންނަ ސެޕްޓެމްބަރު މަހު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ ނ.މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް މިއަދު ބައިނަލްއަގުވާމީ ފްލައިޓަކާއި ޑޮމެސްޓިކް ފްލައިޓެއް ޖައްސައިފިއެވެ.

މިއަދު ހެނދުނު އެންމެ ފުރަތަމަ މާފަރަށް ތިރިކުރީ އައިލެންޑް އެވިއޭޝަނުގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. އެއިން މާފަރަށް ދިޔައީ މިއަދާއި މާދަމާ އަދި މާދަންނޫން އަނެއް ދުވަހު މާފަރު އެއަރޕޯޓަށް ޖެއްސުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ފްލައިޓްތަކުގެ ކަންކަން ހަމަޖެއްްސުމަށްޓަކައި ދިޔަ ގްރައުންޑް ސްޓާފުންނެވެ.

މިއަދުގެ ދެވަނަ ފްލައިޓަކީ ބައިނަލްއަގުވާމީ ފްލައިޓެކެވެ. ދުބާއީއަށް ނިސްބަތްވާ ޕްރައިވެޓް ޖެޓެއް މާފަރަށް ތިރިކުރީ މެންދުރުގެ ވަގުތެއްގައެވެ. އެއިން މާފަރަށް ދިޔައީ މާދަމާ އައުމަށް ހަމަޖެހިފައިވާ ވީއައިޕީ ގްރޫޕެއްގެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ބާރަ މީހުންގެ އެޑްވާންސް ގްރޫޕެކެވެ. އެމީހުން ދަތުރުކުރީ އެއަރބަސް އޭ ތްރީޓުވެންޓީ ޖެޓެއްގައެވެ.