ކޮޅުމަޑުލު ބުރުނީގެ ބަނދަރު ތޮށިގަނޑުތައް ހަލާކުވެ، ބަނދަރުގެ ތެރޭގައި ރާޅުބޮޑުވުމުގެ ސަބަބުން އުޅަނދުފަހަރަށާއި މުދަލަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމުގައި ބުރުނީ ކައުންސިލުން ބުނެފިއެވެ.

ބުރުނީ ކައުންސިލުންގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ، ބަނދަރު އަވަހަށް މަރާމާތު ނުކުރެވޭ ނަމަ ލިބޭ ގެއްލުންތައް އިތުރުވަމުންދާނެ ކަމަށެވެ.

ހަސަން ޒަރީރު ވިދާޅުވީ، ބަނދަރުގެ ނެރު ތޮށިލެވިފައި ނެތުމުގެ ސަބަބުން ވެލިއެޅި ނެރު ވަރަށް ބޮޑަށް ތިލަވެފައިވާ ކަމަށެެވެ. އަދި އެރަށަށް އަންނަ މާލެ ދަތުރުކުރާ ބޮޑެތި ބޯޓު ފަހަރު ނެރުތެރޭގައި ބީހުމުގެ ހާދިސާތައްވެސް ހިނގަމުން އަންނަ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ، ބުރުނީގެ ބަނދަރުގެ ތޮށިގަނޑުތައް ބައެއް ދިމަދިމާއިން ވެއްޓިފައި ވާތީ ސަރުކާރުގައި ދަންނަވައިގެން 2012 ވަނަ އަހަރުގެ ބަޖެޓުގައިވެސް ހިމެނި ކަމަށެވެ.

އެހެން ނަމަވެސް 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމަށްފަހުގައި، ބައެއް އަހަރުތަކުގެ ބަޖެޓުގައި ހިމެނި ނަމަވެސް އެއްވެސް ސިފައެއްގައި އެމަސައްކަތް ކުރެވިފައި ނުވާ ކަމަށެވެ.

" އަޅުގަނޑުމެން މިސަރުކާރުގެ ކިބައިން އެދެނީ، މިބަނދަރު މިހާރު މިއޮތް ވަރަށް ވުރެ ބޮޑަށް އިތުރަށް ހަލާކުވެގެން ނުދަނީސް މަރާމާތުކޮށްދެއްވުމަށް. މިއަށްވުރެ ބޮޑަށް ބަނދަރުގެ ތޮށިތައް ހަލާކުވެއްޖެނަމަ ސަރުކާރުން ކުރަންޖެހޭ ހޭދަވެސް ބޮޑުވާނެ." ހަސަން ޒަރީރު ވިދާޅުވިއެވެ.

2005 ވަނަ އަހަރު ބުރުނީގައި ހެދި މި ބަނދަރަކީ، ސުނާމީ ކާރިސާއަށް ފަހު ވިލުފުށީގެ ރައްޔިތުން ވަގުތީގޮތުން ބުރުންޏަށް ހިޖުރަކުރުމާއި އެކު ކުއްލިއަަކަށް ބުރުނީގެ އާބާދީ 4 ގުނަ އިތުރުވެ، މަސްދޯނި ފަހަރާއި ބޯޓުފަހަރު އިތުރުވެގެން ދިޔުމާއި އެކު ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ސަރުކާރުން ހަދައި ނިންމި ބަނދަރެކެވެ. އޭރު ބަނދަރުގެ ތޮށިތައް ޖަހާފައި ވަނީވެސް ބަސްތާޖަހައިގެންނެވެ. ބުރުނީގެ ހުޅަނގުފަރާތު ވިލާއިި ގުޅިގެންދާގޮތަށް ހެދި މިބަނދަރު ހެދިއިރުވެސް ސަރަހައްދަކީ އޭގެ ކުރިންވެސް ހުޅަނގު މޫސުމުގައި ރާޅުބޮޑު ސަރަހައްދެކެވެ.

ބުރުނީގައި މަހަށް ފުރާދުއްވާ 2 ދޯންޏާއި، 2 ލޯންޗާއި 15 ކުދި އުޅަނދު އޮންނަ އިރު، އޮގަސްޓް 3ވަނަ ދުވަހު ވައިބާރުވެ ރާޅުބޮޑުވުމުގެ ސަބަބުން ބަނދަރުތެރޭގައި އަޅާފައި އޮތް ލޯންޗެއް ދިޔަވެ އަޑިޔަށް ގޮސް ގެއްލުންތައް ވަނީ ލިބިފައެވެ.