ރާއްޖޭގެ ފިރިހެން ގައުމީ ވޮލީބޯޅަ ޓީމާއި ސްރީލަންކާގެ ފިރިހެން ގައުމީ ވޮލީބޯޅަ ޓީމު މިރޭ ބައްދަލުކުރި އެކުވެރިކަމުގެ މެޗުން ލަންކާ މޮޅުވެއްޖެ އެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފްގެ ދައުވަތަކަށް ސްރީލަންކާގެ ގައުމީ ފިރިހެން ވޮލީ ޓީމު ރާއްޖެއަށް ކުރާ ދަތުރަކީ ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ގައުމީ ޓީމަށް ވާދަވެރި މެޗުތަކެއް ކުޅުމަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން މަހުލޫފް ހޯއްދަވައިދެއްވި ފުރުސަތެކެވެ. މި ދަތުރުގައި ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ތިން މެޗެއް ކުޅޭނެ އެވެ. އެގޮތުން އެންމެ ހާއްސަ މެޗަކީ މިރޭ ކުޅުނު މެޗެވެ.

މިރޭގެ މެޗުން ލަންކާ މޮޅުވީ 3-1 ސެޓުންނެވެ. މި މެޗުން ރާއްޖޭގެ ޓީމު ބަލިވި ނަމަވެސް، ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ފުރަތަަމަ ސެޓު ގެންދިޔައީ ރާއްޖެއިންނެވެ. މި ސެޓު ރާއްޖެއިން ގެންދިޔައީ 25-20 އިންނެވެ. އެކަމަކު އަނެއް ދެ ސެޓުގައި ރާއްޖޭގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. މި ދެ ސެޓު ލަންކާއިން ކާމިޔާބުކުރީ 25-15 އަދި 25-16 އިންނެވެ. ހަތަރުވަނަ ސެޓުވެސް ލަންކާއިން ކާމިޔާބުކުރި ނަމަވެސް، ރާއްޖޭގެ ޓީމުން ވަނީ ރަނގަޅު ފައިޓެއް ދީފައެވެ. އެގޮތުން މި ސެޓު ލަންކާއަށް ކާމިޔާބުކުރެވުނީ 25-23 އިންނެވެ.

ލަންކާ ޓީމު ރާއްޖެއަށް ކުރާ ދަތުރުގައި ކުޅުނު ދެވަނަ މެޗުން އެޓީމު މޮޅުވިއިރު، ރޭ ކުޅުނު ފުރަތަމަ މެޗުން ލަންކާ ޓީމު މޮޅުވެފައިވަނީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-18، 25-23 އަދި 26-24 އިންނެވެ.

މިރޭގެ މެޗު ދެން ހާއްސަވެފައިވަނީ ވޮލީބޯޅައިގެ ފޯރި އަލުން ނެގުމަށްޓަކައި ކުރި މަސައްކަތަށެވެ. އެގޮތުން މި މެޗުގައި ރާއްޖޭގެ ޓީމަށް ސަޕޯޓުުކުރުމަށް ގިނަ ސަޕޯޓަރުން ހާޒިރުވިއެވެ. މި މެޗު ފޯރިގަދަ ކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރިއިރު، މި މެޗު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް ހާޒިރުވެވަޑައިގެންނެވިއެވެ. ވ. އަތޮޅުންނާއި ކ. އަތޮޅުގެ ރަށްތަކުން ގިނަ ސަޕޯޓަރުން މި މެޗު ބެލުމަށް މާލެ އައިރު، މާލެ ސަރަހައްދު ރިސޯޓުތަކުން ވެސް މި މެޗަށް ސަޕޯޓަރުން ވަނީ ހާޒިރުވެފައެވެ.

ސެންޓްރަލް ޒޯން މުބާރާތައް ގައުމީ ވޮލީބޯޅަ ޓީމު ތައްޔާރުވަމުން އަންނައިރު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުރިން ގައުމީ ފިރިހެން ވޮލީ ޓީމުން ވަނީ ސާބިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ.