ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ގައުމީ ޓީމުން ރިޓަޔާކުރަން ނިންމައިފި އެވެ.

ލޯންގޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނީ އަންނަ ހަފުތާގައި ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން މުބާރާތަށްފަހު އެވެ.

ގައުމީ ޓީމުގެ ކެޕްޓަނަކަށް ގިނަ ދުވަސްތަކެއް ވަންދެން ހުރި ސެޓަރު އިޝާން އިބްރާހިމް (ބަޓިސް) ރިޓަޔާކުރުމުން މިދިޔަ އަހަރުގެ ކުރީކޮޅުގައި ޓީމުގެ ކެޕްޓަނަކަށް ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ހަމަޖެއްސި އެވެ. ލޯންގޭގެ ކެޕްޓަންކަމުގެ ދަށުން ރާއްޖެ ވަނީ މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ސެންޓްރަލް ޒޯން މުބާރާތާއި އޭޝިއަން ގޭމްސްގެ އިތުރުން، ދާދި ފަަހުން ނިމުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ކުޅެފަ އެވެ.

މީގެ އިތުރުން ލޯންގޭ ވަނީ ކުޅިވަރުގެ ދާއިރާއިން ގައުމީ އިނާމުވެސް ހާސިލްކޮށްފައެވެ. ފަހުގެ ތާރީޚުގައި ރާއްޖޭގެ ގައުމީ ޓީމުން ހޯދި ކާމިޔާބީތަކުގެ ފަހަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގައި މަސައްކަތްކުރާ ލޯންގޭގެ ދައުރު ފާހަގަކޮށްލެވެއެވެ. ލޯންގޭއަކީ ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ގެ ކެޕްޓަންކަމުގެ ދައުރު އަދާކުރަމުންދާ ކުޅުންތެރިޔާއެވެ. އެ ކްލަބުން ހޯދަމުންދާ ކާމިޔާބީތަކުގެ ފަހަތުގައި އެންމެ އިސް ދައުރެއް އަދާކުރާ ކުޅުންތެރިޔަކީ ވެސް ލޯންގޭއެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ލޯންގޭ ނިންމުމާއި ގުޅިގެން އޭނާގެ އަގު ވަޒަންކުރުމުގެ ގޮތުން ވޮލީބޯޅަ އެސޯސިއޭޝަނުން ދިން ޝީލްޑް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވަނީ އޭނާއާ ހަވާލުކޮށްދެއްވާފައެވެ. އަދި ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އޭނާ ބޭނުން ކުރި ޖާޒީގައި ވެސް މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށްދެއްވިއެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ލޯންގޭ ނިންމި އިރު، އައިއޯއައިޖީއަށްފަހު ގައުމީ ޓީމުގެ ކެޕްޓަންކަން ހަވާލުކޮށްފައިވަނީ އަލީ ހުޒާމް (ހުޒާންޓެ) އަށެވެ.