24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ އައްޑޫ ސިޓީން ދެ ފަރާތަކަށް ދީފިއެވެ.

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ އައްޑޫ ސިޓީން ދީފައިވަނީ ދެ ކޭފޭއަކަށެވެ. އެއީ އައްޑޫ ސިޓީގެ ހިތަދޫގައި ހިންގަމުންދާ ހޮޓް ބޮކްސް ކެފޭއަށާއި ސ.ފޭދޫ ގައި ހިންގާ ތްރީ އެސް ލައުންޖް ކެފޭ އަށެވެ.

މިއަހަރުގެ މޭއި މަހު އިކޮނޮމިކް މިނިސްޓްރީން ވަނީ އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދެވޭނެ ސަރަޙައްދުތައް ކަނޑައަޅައި ހުއްދަ ދޫކުރަން ނިންމާފައެވެ. އެގޮތުން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް ހިތަދޫއިން ތިން ސަރަހައްދެއް ކަނޑައަޅާފައިވާއިރު މަރަދޫއިން ދެ ސަރަހައްދު ވަނީ ކަނޑައަޅާފައެވެ. އަދި މަރަދޫފޭދޫއިން އެއް ސަރަހައްދު ކަނޑައަޅާފައިވާއިރު ފޭދޫއިން ވަނީ ދެ ސަރަހައްދު ކަނޑައަޅާފައެވެ. މީގެއިތުރުން ހުޅުދޫއިން ދެ ސަރަހައްދަކާއި މީދޫއިން ތިން ސަރަހައްދެއް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން މުޅި އައްޑޫ ސިޓީން ޖުމްލަ 13 ސަރަހައްދެއް ވަނީ 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދެވޭ ގޮތަށް ކަނޑައަޅާފައެވެ.

24 ގަޑިއިރު ވިޔަފާރި ކުރމުގެ ހުއްދަ އައްޑޫ ސިޓީ ފިޔަވައި ދެން ދީފައިވަނީ މާލެއަށެވެ. އެގޮތުން މާލެ ސިޓީން 24 ތަނަކަށް މިހުއްދަ ދީފައިވާއިރު މީގެތެރޭގައި ހިމެނެނީ ކެފޭ ރެސްޓޯރެންޓް ތަކުގެތެރެއިން 15 ތަނަކާއި 9 ފިހާރައެކެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައިވެސް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރަން ފެށުމަށް އިކޮނޮމިކް މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ.

24 ގަޑިއިރަށް ވިޔަފާރި ކުރުމަށް ހުއްދަ ދިނުމުގައި އިކޮނޮމިކް މިނިސްޓްރީން ހާއްސަ ޝަރުތުތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ. އެއީ ތަނުގެ އެތެރެ ސާފުކޮށް ފެންނަ ގޮތަށް ހުރުމާއި، 24 ގަޑިއިރު އޮޕަރޭޓް ކުރާ ކެމެރާއެއް ހަރުކޮށްފައި ހުރުމާއި، ކައުންސިލްތަކުން ކަނޑައަޅާ ސަރަހައްދެއްގައި ހުންނަ ތަނަކަށްވުމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކޮށްފައިވާ ތަނަކަށް ވުމެވެ.

24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައި ވަނީ 2000 ރުފިޔާގެ ފީއަކަށް، ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. ޝަރުތަކާ ހިލާފުވާނަމަ ފުރަތަމަ ފަހަރު ހަ މަހަށް ހުއްދަ ހިފަހައްޓާނެ އެވެ. އެއަށްފަހުގައި ވެސް ގަވާއިދުން ޝަރުތުތަކާ ހިލާފުވާނަމަ ހުއްދަ ބާތިލު ކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ރާއްޖޭގައި ހިންގާ އެއްވެސް ބޭރުގެ ފްރެންޗައިޒަކަށް ނުދިނުމަށް ވަނީ ނިންމާފަ އެވެ.