އެކި އެކި ބޭނުންތަކުގައި ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ގައުމަކަކީ އިންޑިއާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސާވޭއަކުން ދައްކައިފި އެވެ.

ދިވެހިން ރާއްޖެއިން ބޭރަށް ކުރާ ދަތުރާ ގުޅޭގޮތުން އެމްއެމްއޭއިން ކުރި ސާވޭގައި ދައްކާގޮތުން އިންޑިއާއަށް އެންމެ ގިނައިން ދިވެހިން ދަތުރުކޮށް އުޅެނީ ބޭސްފަރުވާއަށެވެ. އެއަށްފަހު ދެން އެންމެ ގިނައިން ދިވެހިން އިންޑިއާއަށް ދަނީ ތައުލީމް ހާސިލް ކުރުމަށެވެ.

އޮފްޕީކް ސީޒަންގައި ބޭރު ޤައުމުތަކަށް ދަތުރުކުރާ ދިވެހިންގެ ތެރެއިން 32 އިންސައްތަ ދިވެހިން ވަނީ އިންޑިއާއަށް ދަތުރުކޮށްފައެވެ.

އިންޑިއާއަށްފަހު ދެން ދިވެހިން އެންމެ ގިނައިން ދަތުރުކޮށްފައިވަނީ ސްރީ ލަންކާއަށެވެ. އޮފްޕީކް ސީޒަންގައި ރާއްޖެއިން 31 އިންސައްތަ ދިވެހިން ލަންކާއަށް ދަތުރުކޮށްފައިވާއިރު، ޕީކް ސީޒަންގައި 29 އިންސައްތަ ދިވެހިން ވަނީ ލަންކާއަށް ދަތުރުކޮށްފައެވެ.

އެމްއެމްއޭގެ ސާވޭ ދައްކާގޮތުން ދިވެހިން ދެން އެންމެ ގިނައިން ދަތުރުކުރަނީ މެލޭޝިއާ، ތައިލެންޑްގެ އިތުރުން ސިންގަޕޫރަށެވެ.

ދިވެހިން ބޭރަށްކުރާ ދަތުރުތަކުގައި އެވްރެޖްކޮށް ރާއްޖެއިން ބޭރުގައި 1000 ޑޮލަރު ހޭދަކުރާކަމަށް ވެސް އެމްއެމްއޭގެ ސާވޭއިންވަނީ ދައްކާފައެވެ.