ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމެރިކާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ ގެނެސްފި އެވެ.

މިދަތުރަކީ ރާއްޖެ އެކި ސަރަޙައްދުތަކުގައި އިޝްތިހާރުކުރުމަށް އެމް.އެމް.ޕީ.އާރުސީން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން 5 ވަނަ ދަތުރެވެ. މީގެ ކުރިން އެމްއެމްޕީއާރުސީން ވަނީ އިންޑިއާ އާއި އިނގިރޭސިވިލާތް އަދި އިރުމަތީ ޔޫރަޕްގެ ގައުމުތަކުގެ އިތުރުން، ދެކުނު ކޮރެއާ އަދި ޗައިނާގެ ނޫސްވެރިން ވެސް ރާއްޖެ ގެނެސްފަ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ އެމްއެމްޕީއާރުސީން ބުނީ އެމެރިކާގެ ނޫސްވެރިންގެ ޓީމް ރާއްޖެ އައީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން އަމިއްލައަށް ތަޖުރިބާކޮށް އިޝްތިހާރު ކުރުމަށްކަމަށެވެ.

އެމްއެމްޕީއާރްސީން ބުނީ އިއްޔެ އައި މި ޓީމް ރާއްޖޭގައި ތިބުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ޓީމުގައި ހިމެނެނީ، އެެމެރިކާގެ މަޝްހޫރު ޓްރެވަލް މަޖައްލާތައް ކަމަށްވާ ޓްރެވަލް އަދި ލެޝާ، ޓްރިޕް ސެވީ، ނެޝެނަލް ޖިއޮގްރެފިކް ޓްރެވަލް، ޔޫއެސްއޭ ޓުޑޭ އަދި ނިއު ޔޯކް ޓައިމްސްގައި ލިޔަމުންދާ ތަޖުރިބާކާރު ނޫސްވެރިން ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.

އެމެރިކާގެ ނޫސްވެރިން ރާއްޖެއަށްކުރާ މިދަތުރުގައި ތިބުމަށް ހަމަޖެހިފައިވަނީ ހެރިޓަންސް އާރަށް ރިސޯޓް އަދި މަރކިއޯ މޯލްޑިވްސް ކޫއްޑޫ ގައެވެ.

މި ދަތުރުގައި، ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމާއި ސަގާފަތުގެ އިތުރުން، ހަށިގަނޑުގެ ދުޅަހެޔޮކަން ކުރިއެރުވުމަށް ރާއްޖޭގެ ރިސޯޓުތަކުން ފޯރުކޮށްދޭ ހިދުމަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު އެމެރިކާގެ ނޫސްވެރިންނަށް ލިބޭނެ އެވެ. މި ތަޖުރިބާތަކުގެ އަލީގައި މި ކަމާ ގުޅޭ ލިޔުންތަކާއި ފޮޓޯތައް އެެމެރިކާގެ ޓްރެވަލް މަޖައްލާތަކުގައި ޝާއިރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމެރިކާ އަކީ ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނަ ބޮޑު އެއް މާކެޓެވެ. އެގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެމެރިކާއިން 68،427 ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އެމެރިކާއިން ރާއްޖެއައި ފަތުރުވެރިންނަށްވުރެ 34.5 އިންސައްތައިގެ އިތުރު އަދަދެކެވެ.