ކޯމާއެއްގައި އޮތް ދިވެހި ހާޖީގެ ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ހައްޖުގެ މާތް އަޅުކަމުގައި މައްކާގައި ހުއްޓާ ސްޓްރޯކެއް ޖެހުނު ފ. ދަރަނބޫދޫ މުޝްތަރީގެ 38 އަހަރުގެ ސީމާ މޫސާއަށް މިނާގެ "މިނާ އަލްވާދީ" ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ މައުލޫމާތު ދީފައެވެ. އަދި އޭނާއަށް ސްޓްރޯކެއް ޖެހުނީ ޓެންޓުގައި ހުއްޓާ ކަމަށާއި މިވަގުތު އޭނާ އޮތީ ލައިފް ސަޕޯޓު މެޝިނުގެ އެހީގައި ކަމަށް ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ފިރިމީހާއާއި އެކު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ގޮސް ހުރި ސީމާ ޓެންޓުގެ ފާހަނާގައި ހުއްޓައި އަނބުރައިގަނެގެން ވެއްޓުމުން ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރާއްޖެއިން މިފަހަރު ހަތަރު ޖަމާއަތަކުން ގާތްގަނޑަކަށް 2،000 އެއްހާ މީހުން ވަނީ ހައްޖުގެ އަޅުކަމަށް ގޮސްފައެވެ. މިފަހަރު މީހުން ހައްޖަށް ގެންދިޔައީ ހައްޖު ކޯޕަރޭޝަން، ތަޒްކިއާ، މިނާ، އަލްހަރަމައިން އަދި އެކްރޯ ޕްރައިވެޓް ލިމިޓެޑުންނެވެ.