ރާއްޖޭގެ ފިރިހެން ގައުމީ ވޮލީބޯޅަ ޓީމާއި ސްރީލަންކާގެ ފިރިހެން ގައުމީ ވޮލީބޯޅަ ޓީމު ރޭ ބައްދަލުކުރި އެކުވެރިކަމުގެ މެޗުން ފެނިގެންދިޔަ ސަޕޯޓު މިރޭގެ މެޗުންވެސް ފެންނަށް ބޭނުންވާ ކަމަށް ވޮލީބޯޅަ އާއިލާއިން ބުނެފި އެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފްގެ ދައުވަތަކަށް ސްރީލަންކާގެ ގައުމީ ފިރިހެން ވޮލީ ޓީމު ރާއްޖެއަށް ކުރާ ދަތުރަކީ ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ގައުމީ ޓީމަށް ވާދަވެރި މެޗުތަކެއް ކުޅުމަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން މަހުލޫފް ހޯއްދަވައިދެއްވި ފުރުސަތެކެވެ. މި ދަތުރުގައި ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ތިން މެޗެއް ކުޅޭނެ އެވެ.

މީގެ ކުރިން ރޭވިފައި އޮތީ ލަންކާއާ ދެކޮޅަށް ކުޅޭ ތިން މެޗުގެ ތެރެއިން ރޭގެ މެޗު ރަސްމީ މެޗެއްގެ ގޮތުގައި ކުރިއަށް ގެންދާށެވެ. އޭގެ ކުރީ ރޭގެ މެޗާއި މިރޭގެ މެޗު ޓްރެއިނިން މެޗެއްގެ ގޮތުގައި ބާއްވާށެވެ. އެކަމަކު މިހާރު މިރޭ ކުޅޭ މެޗު އިތުރަށް ފޯރިގަދަކުރަން ވަނީ ރާވާފައެވެ. ރޭގެ މެޗަށް ކުޅިވަރާ ބެހޭ ވުޒާރާ މެދުވެރިކޮށް ވ. އަތޮޅާއި ކ. އަތޮޅުން އަދި ރިސޯޓުތަކުން އަންނަން ހަމަޖެހިފައި އޮތް ސަޕޯޓަރުންނަށް ނާދެވުނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އެކަމަކު މިހާރު ވަނީ މިރޭ އެ ސަޕޯޓަރުންނާ އެކު ފޯރިގަދަ މެޗެއް ކުރިއަށްގެންދިއުމަށް ނިންމާފައެވެ.