ށ. ފީވަކުގައި ލެބޯޓަރީގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

އެރަށު ސިއްހީ މަރުކަޒުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ލެބޯޓަރީ އިފްތިތާޙްކޮށް ދެެއްވީ ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކިއުޓިވް ޑިރެކްޓަރު އަހުމަދު ފާޒިރުއެވެ.

ފީވަކުގެ ލެބޯޓްރީން ހިދުމަތް ދޭން ފެށުމާއިއެކު ސިއްހީ މަރުކަޒުގެ އޯޕީޑީގެ ހިދުމަތް ފުޅާވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެ ރަށުގެ މީހުން ލެބޯޓްރީގެ ހިދުމަތް ހޯދުމަށް އެހެން ރަށްރަށަށް ދާ ދިޔުން ހުއްޓުމަކަށް އައުމަކީ އެ ރަށުގެ ރައްޔިތުންނަށްވެސް ލިބޭ ވަރަށް ބޮޑު ލުއި ފަސޭހައަކަށްވެގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހެލްތު މިނިސްޓްރީން ބުނީ ފީވަކުގައި ހުޅުވި ލެބޯޓްރީގެ އިމާރާތް މިދިޔަ އަހަރުގެ ކުރީކޮޅުގައި ނިމިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެތަނުން ހިދުމަތްދޭން ފެށުން ލަސްވެފައި އޮތީ ކަރަންޓުގެ މައްސަލަތަކެއް އުޅޭތީ ކަމަށް މިނިސްޓްރީން ބުންޏެވެ.