ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީގެ 54 ގެޔަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ ސިޓީއަށް ކުރަމުން އަންނަ ވިއްސާރައިގައި އެކި އަވަށްތަކުން 54 ގެ އެއްގެ ފުރާޅަށް އެކި ވަރުގެ ގެއްލުންތައް ލިބި، ބައެއް ގެތަކުގެ ފުރާޅު އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ. އަދި މީގެ އިތުރަށް ރަށުގެ ރުއް ގަސްތައް ވެއްޓުމާއި މި ނޫންވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

އެގޮތުން ފުރާޅަށް ގެއްލުންވު ގެތަކުގެ ތެރެއިން 11 ގެއެއްގެ ފުރާޅު އަލުން މަރާމާތުކޮށްދީފައިވާ ކަމަށާއި ފުރާޅު އެޅުމަށް ބޭނުންވާ ޓިނު ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ބާކީ ގެތަކުގެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ވިއްސާރާގައި އައްޑޫން 35 ގަސް ވެއްޓިފައި ވާއިރު މިކަމާއި ގުޅިގެން ރަށުތެރޭގެ ބައެއް މަގުތައްވެސް ވަނީ ބަންދުކޮށްފައެވެ. އެ ގަސްތައް ނެގު މަސައްކަތް ނިމިފައިވާ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

ވިއްސާރައާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އައްޑޫ ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންއަންނަ އިރު މި މަސައްކަތުގައި އާންމުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ އެމްއެންޑީއެފާއި ފުލުހުންނެވެ.