މުޒާހަރާތަކުގެ ސަބަބުން ހޮންކޮންގ ގެ އިޤްތިސާދަށް ނޭދެވޭ އަސަރުތަކެއްކުރާނެކަމަށް ބައިނަލްއަޤްވާމީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.

މީގެ ދެ މަސްކުރިން މި މުޒާހަރާތައް ފެށުނީ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބިލަކާ ގުޅިގެންނެވެ. އެބިލު ފާސް ކޮއްފިނަމަ ހޮންކޮންގްގައި ތިބި ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ކުރިއަށްގެންދިޔުމަށް އެމީހުން ޗައިނާއާ ހަވާލު ކުރެވޭނެއެވެ. މުޒާހަރައިގެ ބައިވެރިން ބުނީ އެ ބިލް ފާސްވެސްވެއްޖެ ނަމަ ޗައިނާގެ ނުފޫޒު އިތުރުވާނެކަމަށެވެ.

މުޒާހަރާތަކުގެ ސަބަބުން މިހަފްތާތެރޭ ވެސް ހޮންކޮންގގެ އެއަރޕޯޓުން ފުރަން ޝެޑިއުލްކޮށްފައިވާ ފްލައިޓްތައް ހުއްޓުމަކަށް އައިސް ހޮންކޮންގގެ އެއަރޕޯޓަށް މާލީގޮތުން ބޮޑެތި ގެއްލުންތަކާއި ވަނީ ކުރިމަތިވެފައިވެއެވެ. މުޒާހަރާތަކުގެ ސަބަބުން އެއަރޕޯޓުގެ އޮޕަރޭޝަންތައް ހޯމަ ދުވަހުން ފެށިގެން މެދުކެނޑި އެއާޕޯޓު ވަނީ ބަންދުވެސް ކޮށްފައިވެއެވެ.

އަންގާރަ ދުވަހު އެއަރޕޯޓު ހުޅުވައި އޮޕަރޭޝަންތައް ވަނީ ކުރިޔަށްގެންގޮސްފައެވެ. އެހެންނަމަވެސް ގިނަ އެއަރލައިންތަކުން ވަނީ ހޮންގްކޮންގ އެއަރޕޯޓަށް ކުރާ ދަތުރުތައް ކެންސަލްކޮށް ދަތުރުތައް ރީޝެޑިއުލްކުރުމަށް އަންގާފައެވެ. ދަތުރުތައް ކެންސަލްކުރި އެއާލައިންތަކުގެ ތެރޭގައި ވިއެޓްނާމް އެއަރލައިންއާއި، މެލޭޝިއަން އެއަލައިން ކެތޭ ޕެސިފިކްގެ އިތުރުން ޖެޓްސްޓަރ ޕެސިފިކް އެއަރލައިން ހިމެނެއެވެ.

ހޮންކޮންގްގެ އެއަރޕޯޓުން ކޮންމެ އަހަރަކު 74 މިލިއަނަށް ވުރެ ގިނަ ފަސިންޖަރުން ދަތުރުކުރެއެވެ. އަދި ދުވާލަކަށް 200 އަށް ވުރެ ގިނަ މަންޒިލްތަކަށް، ހާހަކަށްވުރެ ގިނަ ފްލައިޓްތައް މި އެއަރޕޯޓުން ދަތުރުކުރެއެވެ.

ހޮންކޮންގް އެއަރޕޯޓަކީ އެޤައުމުގެ ޖީޑީޕީގެ 5 އިންސައްތަ ހިއްސާކުރާ އެއް ވަސީލަތައްވާއިރު، އެއަރޕޯޓުގައި ކުރަމުންދާ، މި މުޒާހަރާތަކާއެކު ހޮންކޮންގގެ އިޤްތިސާދަށް ވަރަށް ބޮޑަށް އަސަރުކުރާނެކަމަށް ގިނަ ފަރާތްތަކުންދެކެއެވެ. ހޮންގްކޮންގްއަށް ދިއުމަށް ޓިކެޓް ބުކްކޮށްފައިތިބި އެތައް ސަތޭކަ މީހުން މިހާރު ޓިކެޓްތައް ކެންސަލްކޮށް ހޮންކޮންގ ނޫން އެއަރޕޯޓުތައް މެދުވެރިކޮށް ދަތުރުކުރަން މިހާރުވަނީ ފަށާފައެވެ. އެހެންކަމުން ހޮންގކޮންގްއަށް ޒިޔާރާތްކުރާ މީހުން މަދުވެ ހޮޓެލް ބުކިންގ ރޭޓްތައް ވެސް ދަށްވެގެންދާނެއެވެ.

އޭޕްރިލް މަހުގެ 20ގައި ވޯޓަށް އަހަން އޮތް އެބިލް، ހުއްޓުމެއްނެތި ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ހޮންކޮންގް ލީޑަރު، ކެރީ ލާމް ވަނީ އެބިލް ފާސް ކުރުން ފަސް ކުރަން ނިންމަވާފައެވެ. އެހެންނަމަވެސް މުޒާހަރާ ކުރާ ފަރާތްތަކުން އަދިވެސް ދަނީ ބިލް އެއްކޮށް އުވާލުމަށާއި ލާމް އިސްތިއުފާ ދެއްވުމަށް ގޮވާމުލަމުންނެވެ.