ނޭޕާލްގައި އަންނަ ހަފުތާގައި ފަށާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ފުރުމުގެ ކުރިން ގައުމީ ވޮލީބޯޅަ ޓީމަށް ކުޅިވަރާ ބެހޭ ވަޒީރު ހިތްވަރ ދެއްވައިފި އެވެ.

ގައުމީ ޓީމު ސެންޓްރަލް ޒޯން މުބާރާތަށް ނޭޕާލަށް ފުރާނީ މާދަމާރޭ އެވެ. މުބާރާތުގައި 7 ޓީމު ވާދަކުރާއިރު ރާއްޖެ ހިމެނެނީ ނޭޕާލާއި ކިރްގިސްތާނާއެކު އެއް ގްރޫޕެއްގައެވެ. މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ޓީމުގެ ކުޅުންތެރިންނާއި ބައްދަލުކޮށް ވަޒީރު ވަނީ ކުޅުންތެރިންނަށް ހިތްވަރުދެއްވާފައެވެ. މި ބައްދަލުވުމުގައި ވަނީ ގައުމީ ޓީމުން ރިޓަޔާކުރާނެކަން އިއުލާނުކުރި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ގެ ޚިދުމަށްވެސް ފާހަގަކޮށްފައެވެ.

ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމަށް ވަޒީރުގެ ދައުވަތަކަށް ލަންކާ ގައުމީ ޓީމު ރާއްޖެއަށް ކުރާ ދަތުރުގައި މިރޭ އެކުވެރިކަމުގެ ފަހު މެޗު ކުޅޭނެއެވެ. މިހާތަނަށް ދެ މެޗެއް ކުޅެފައިވާއިރު، ފުރަތަމަ މެޗުން ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ. ދެވަނަ މެޗުގައި ރޭ 3-1 ސެޓުން ރާއްޖެ ބަލިވި ނަމަވެސް، ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

ވަޒީރު އިސްވެ ހުންނަވައި މިހާތަނަށް ވަނީ ވޮލީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އެ ގޮތުން ދާދި ފަހުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ކުރިން ސާބިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރުމުގެ ފުރުސަތު ހޯދައިދިނެވެ. މިއީ ރާއްޖޭގެ ޓީމެއް ޔޫރަޕްގައި ތަމްރީންތަކެއް ހެދި ފުރަތަމަ ފަހަރެވެ.