މިދިޔަ ޖުލައި މަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސް މެދުވެރިކޮށް ދައުލަތަށް އާމްދަނީގެ ގޮތުގައި 287 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއީ މިދިޔަ އަހަރުގެ ޖުލައިމަހު ލިބުނު އާމްދަނީ އަށްވުރެ 2 އިންސައްތަ އިތުުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖުލައިމަހު ދައުލަތަށް ކަސްޓަމްސް މެދުވެރިކޮށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 281 މިލިއަން ރުފިޔާ އެވެ.

ކަސްޓަމްސްގެ ތަފަސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވި ޖުލައި މަހު ރާއްޖެއަށް އެތެރެކުރި ކުރި މުދަލުގެ ސީއައިއެފް އަގު ވަނީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 9 އިންސައްތަ ދަށްވެފައެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ދިވެހިރާއްޖެއިން 4.1 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި ޢަދަދުވަނީ 3.7 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ޖުލައިމަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގުގެގޮތުން 21 އިންސައްތަ ޔޫއޭއީ އިން އެތެރެ ކޮށްފައިވާއިރު، ސިންގަޕޫރު އަދި ޗައިނާއިން ވަނީ 13 އިންސައްތަ މުދާ އެތެރެކޮށްފައެވެ. މީގެ އިތުރުން އިންޑިއާއިން ވަނީ 11 އިންސަައްތަ މުދާ އެތެރެކޮށްފައެވެ.

މީގެއިތުރުން ރާއްޖެއިން އެހެން ގައުމުތަކަށް ބޭރު ކުރި މުދަލުގެ އެފްއޯބީ އަގުވެސް ވަނީ މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހު ދަށްވެފައެވެ. މިދިޔަ އަހަރުގެ ޖުލައިމަހު ރާއްޖެއިން 196 މިލިއަން ރުފިޔާގެ މުދާ ބޭރުކޯށްފައިވާ އިރު މިއަހަރުގެ މިމުއްދަތުގައި ރާއްޖެއިން ބޭރުކޮށްފައިވަނީ 165 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 16 އިންސައްތައިގެ ދަށް އަދަދެކެވެ.

އަގުގެ ގޮތުން ބަލާއިރު ޖުލައި މަހު ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. އެގޮތުން ރާއްޖެއިން ބޭރުކުރި މުދަލުގެ 18 އިންސައްތަ ތައިލެންޑަށް ބޭރުކޮށްފައިވާ އިރު ދެވަނަ އަށް އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ޖަރުމަނުވިލާތާއި ފްރާންސަށެެވެ.