ވަރަށް ބޮޑަށް ދާން ބޭނުންވި ރަށެކެވެ. ފުރުސަތެއް ނުލިބިފައިވަނިކޮށް އެކަހަލަ ފުރުސަތެއް މިލިބުނީ ވަރަށް ފަހުންނެވެ. އަތިރިމަތީގެ ކެފޭއެއްގައި ޖައްސާލީމެވެ. ރަށުގެ ކުދިބޮޑު ވީހާވެސް ގިނަބަޔަކާ އަނގަތަޅައިލުމުގެ އެދުމުގައެވެ. އަޅުގަޑާ ދިމާވާ ގިނަބަޔަކު އަބަދުވެސް ކުރާ ކަމެކެވެ. ވާހަކަ ފަށާނީ ފުޓްބޯޅައިންނެވެ. އެގޮތުން މިރަށުން ދިމާވި ގިނަ މީހުންވެސް ވާހަކަ ފެށީ ފުޓްބޯޅައިންނެވެ.

އެމީހުންނާ ސުވާލެއް ކުރީމެވެ. މިރަށުގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކީ ކާކުބާވައެވެ. ހަމައެންމެންވެސް ދިނީ އެއްޖަވާބެކެވެ. މިރަށުގައި އުފެދުނު ހުރިހާގޮތަކުން އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ އަޝްރަފް އަބްދުލްގަނީއެވެ. އެބުނާ އަޝްރަފަކީ ކާކުބާވައެވެ. އެއީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބުކޮށްދިން ފުޓްބޯޅަ ޓީމުގެ ކެޕްޓަން އައްސަދު އަބްދުލްގަނީ އާއި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. ގައުމީ ޓީމުގެ ކެޕްޓަންކަން ނުކުރިޔަސް ގައުމީ ޓީމަށް ކުޅެފައިވާ އިތުބާރު ޑިފެންޑަރ އަންވަރު އަބްދުލްގަނީގެ ވެސް އެއްބަނޑު އެއްބަފާ ބޭބެއެވެ.