ރާއްޖޭގެ ފިރިހެން ގައުމީ ވޮލީބޯޅަ ޓީމާއި ސްރީލަންކާގެ ފިރިހެން ގައުމީ ވޮލީބޯޅަ ޓީމު މިރޭ ބައްދަލުކުރި އެކުވެރިކަމުގެ ފަހު މެޗުންވެސް ލަންކާ މޮޅުވެއްޖެއެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފްގެ ދައުވަތަކަށް ސްރީލަންކާގެ ގައުމީ ފިރިހެން ވޮލީ ޓީމު ރާއްޖެއަށް ކުރާ ދަތުރަކީ ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ގައުމީ ޓީމަށް ވާދަވެރި މެޗުތަކެއް ކުޅުމަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން މަހުލޫފް ހޯއްދަވައިދެއްވި ފުރުސަތެކެވެ. މި ދަތުރުގައި ވަނީ ތިން މެޗެއް ކުޅެފައެވެ.

މިރޭގެ މެޗުވެސް ލަންކާއިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭގެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން މި ސެޓު ރާއްޖޭގެ ޓީމުން ކާމިޔާބުކުރީ 25-22 އިންނެވެ. ދެން ކުޅުނު ދެ ސެޓުގައިވެސް ރާއްޖޭގެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މި ދެ ސެޓު ލަންކާއިން ކާމިޔާބުކޮށްފައިވަނީ 25-20 އަދި 25-22 އިންނެވެ. އެކަމަކު ހަތަރުވަނަ ސެޓުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. މި ސެޓު ލަންކާއިން ގެންދިޔައީ 25-13 އިންނެވެ.

ލަންކާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ސީދާ ތިން ސެޓުން ރާއްޖެ ބަލިވިއިރު، ރޭ ކުޅުނު މެޗުން ރާއްޖެ ބަލިވީ 3-1 ސެޓުންނެވެ. މި މެޗުތަކުން ރާއްޖޭގެ ޓީމު ބަލިވި ނަމަވެސް، ގައުމީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު ބުނީ މި މެޗުތަކުގެ ސަބަބުން ސެންޓްރަލް ޒޯން މުބާރާތަށް ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއެއް ލިބިގެން ގޮސްފި ކަމަށާއި، ވަރުގަދަ ލަންކާއާ ދެކޮޅަށް ރާއްޖޭގެ ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކި ކަމަށެވެ.

ރޭގެ މެޗު އެކަނި ރަސްމީ މެޗެއްގެ ގޮތުގައި ކުރިން ހަމަޖެއްސި ނަމަވެސް، މިރޭގެ މެޗުވެސް ރަސްމީ މެޗެއްްގެ ގޮތުގައި ހަމަޖައްސައި މެޗު ފޯރިގަދަ ކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި މެޗަށްފަހު ގައުމީ ޓީމު ސެންޓްރަލް ޒޯން މުބާރާތަށް ނޭޕާލަށް ފުރާނީ މާދަމާ ރެއެވެ. މުބާރާތުގައި 7 ޓީމު ވާދަކުރާއިރު ރާއްޖެ ހިމެނެނީ ނޭޕާލާއި ކިރްގިސްތާނާއެކު އެއް ގްރޫޕެއްގައެވެ.